އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ކުރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:30 ގައި ބާއްވާ ގޮތަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ގައެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، ހެކިބަސް ނެގުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ހާޒިރުކުރުމަށް އެދިފައެވެ.

ހެއްކެއްގެ ގޮތުގައި ރިޔާޒު ހާޒިރުކުރަން ޔާމީންގެ ވަކީލުންގެ ޓީމުން ހުށަހެޅީ، އެ މައްސަލައިގައި ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާ، އެ މައްސަލައިގެ ތަހުގީގުގައި، އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާތީއެވެ.

އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. އަދި ރިޔާޒްގެ ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން އެ މައްސަލައިގައި ނެގުން މުހިންމު ހެކިބަހެއް ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، އެ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކި ޝަރީއަތަށް ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.

އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ފުރަތަމަ ނިންމެވީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި ކުރިއަށްގެންދިއުމަށްފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ.

ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށްގެންދިއުމަށެވެ.

އެހެންކަމުން ގާޒީ ނިންމެވީ ޔާމީން އެދުނުގޮތަށް ރިޔާޒް ހާޒިރުކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށްފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށެވެ. އެހެންކަމުން ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި އެ ދުވަހު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފައެވެ.