މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ, އެމްއޭސީއެލްއަކީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު, އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް ވިދާޅުވިއެވެ.
މިހާދު އިތުރަށް ވިދާޅުވީ, އެމްއޭސީއެލުން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރިއެވެ. އެހެންވެ ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އާއިޝަތު މާހާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް