ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ވާޖިން އެޓްލާންޓިކަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިއްޔެ ބުނީ އާ ޓާމިނަލުން ވާޖިން އެޓްލާންޓިކަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިން ރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސިވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޯބަރު 2023 ގައެވެ. ޓާމިނަލް 1 އިން މި މަހު 23 ގައި ވަނީ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން, ބްރިޓިޝް އެއާވޭސް އަށްވެސް ހިދުމަތް ދޭން ފަށައިފައެވެ.

ވާޖިން އެޓްލާންޓިކް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތްދެމުންނެވެ.