ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަތީޝް ޝާހް 74 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ ކިޑްނީ ފެއިލިވެގެން ހިންދޫޖާ ހޮސްޕިޓަލަށް ގެންދެވުނު ފަހުންނެވެ.

މީގެ ދެ ދުވަސް ކުރިން، އޮކްޓޯބަރު 23 ވަނަ ދުވަހު، މަޝްހޫރު އެޑްވަޓައިޒިން ޕްރޮފެޝަނަލް އަދި ޕަދްމަ ޝްރީ އެވޯޑް ލިބިފައިވާ ޕިޔޫޝް ޕަންޑޭ މަރުވި ކަމުގެ ހަބަރު ފެތުރުމުން، މުޅި ފިލްމީ ދާއިރާ އޮތީ ހިތާމައެއްގެ ތެރޭގައެވެ. އެފަދަ ހިތާމައެއްގެ ތެރޭގައި، ދެ ދުވަސް ފަހުން، މިހާރު މި ވަނީ ފިލްމީ ދާއިރާއަށް އަނެއްކާވެސް މޮޅު ފަންނާނެއް ގެއްލިފައެވެ.

ސަތީޝް މަރުވިކަން ކަށަވަރުކޮށްދެއްވަމުން، ފިލްމު ޑިރެކްޓަރު އަދި އިންޑިއަން ފިލްމް އެންޑް ޓެލެވިޒަން ޑިރެކްޓަރސް އެސޯސިއޭޝަންގެ ރައީސް އަޝޯކް ޕަންޑިތު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

1951 ވަނަ އަހަރު ކުރީގެ ބޮމްބޭ ސްޓޭޓްގެ ގުޖަރާތީ އާއިލާއަކަށް އުފަންވެފައިވާ ސަތީޝް ޝާހް އޭނާގެ އެކްޓިން ކެރިއަރު ފަށާފައިވަނީ 70ގެ އަހަރުތަކުގައެވެ. ނަމަވެސް، އޭނާ މަޝްހޫރުކަން ހޯދީ 1984 ވަނަ އަހަރު ކުންދަން ޝާހް އާއި މަންޖުލް ސިންހާގެ ސިޓްކޮމް "ޔޭ ޖޯ ހައި ޒިންދަގީ" އިންނެވެ. މި ޝޯގައި އޭނާ ތަފާތު 55 ކެރެކްޓަރ ދައްކުވައިގެން ވަރަށް ބޮޑު ތަރުހީބެއް ހޯދިއެވެ. 90ގެ އަހަރުތަކުގައި އޭނާ "ފިލްމީ ޗައްކަރު" އަދި "ގަރް ޖަމާއީ" ފަދަ ސިޓްކޮމްތަކުން ފެނިގެން ގޮސްފައިވެއެވެ. އޭގެ ފަހުން، 2004 ވަނަ އަހަރު ދެއްކި މަޝްހޫރު ސިޓްކޮމް "ސަރަބާއީ ވާރސަސް ސަރަބާއީ" ގައި ލޯބިވާ އިންދުރަވަދަން ސަރަބާއީގެ ރޯލު ކުޅެ، އޭނާގެ ކެރިއަރަށް އަލުން އާކަމެއް ގެނައެވެ.

ސަތީޝް ޝާހް އޭނާގެ ފިލްމީ ދަތުރު ފެށީ 1970 ވަނަ އަހަރުގެ ފިލްމު "ބަގްވާން ޕަރްޝޫރާމް" އިން ކުޑަ ރޯލަކުންނަމަވެސް، އެތައް އަހަރެއް ފަހުން، "އުމްރާއޯ ޖާން" އަދި "އަލްބަޓް ޕިންޓޯ ކޯ ގުއްސާ ކިޔުން އާތާ ހައި" ފަދަ ފިލްމުތަކުން އޭނާ ފާހަގަ ކުރެވުނެވެ. ބޮޑު ސްކްރީނުން އޭނާގެ އެންމެ މަޝްހޫރު އެއް ރޯލަކީ ކޮމެޑީ ފިލްމު "ޖާނޭ ބީ ދޯ ޔާރޯ" ގައި ހަށިގަނޑެއްގެ ރޯލު ކުޅުނު ރޯލެވެ. 90ގެ އަހަރުތަކުން ފެށިގެން އޭނާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔެންގޭ"، "ހަމް އާޕްކޭ ހޭނ ކޯން..!"، "ހީރޯ ނަންބަރު 1"، "މައިން ހޫން ނާ" އަދި "ފަނާ" ފަދަ އެތައް ހިޓް ފިލްމުތަކެއްގެ ސަޕޯޓިން ރޯލުތަކުން ފެނިގެން ގޮސްފައިވެއެވެ.