މިހާރު ކުރަމުން އަންނަ ދިރާސާގެ މަސައްކަތް ނިމުމުން، ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓްގައި ހިމެނޭ ކޮރަޕްޝަނާ ގުޅުން ހުރި މުވައްޒަފުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ޖަނާހު މިހެން ވިދަޅުވީ، ފެނަކަ ކޮރަޕްޝަނާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފެނަކަ މައްސަލައިގައި ސުވާލު ކުރައްވަމުން ގަފޫރު ވިދާޅުވީ، ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޮޕްޝަން ހިނގިއިރު ތިބި ސީނިއާ ބައެއް މުވައްޒަފުން އަދިވެސް އެ ކުންފުނީގެ ވަޒީފާ ތަކުގައި އެބަތިބި ކަމަށެވެ. ކޮރަޕްޝަން ކަންކަމާ އެމީހުން ޒިންމާވާން ޖެހޭއިރު، އެ މީހުން މިހާ ދުވަސްވާންދެން އެ މަގާމުތަކުގައި ތިބީ ކީއްވެތޯ އާއި އެކަމުގައި ޒިންމާވާން ޖެހޭ މުވައްޒަފުންނަަށް ފިޔަވަޅެއް އެޅިފައިވޭތޯ ގަފޫރު ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޖަނާހު ވިދާޅުވީ، އޮޑިޓް ރިޕޯޓާ ގުޅިގެން ކުންފުންޏަށް ގެންނާން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
އޮޑިޓް ރިޕޯޓުން ކުންފުނީގެ ޕްރޮކިއުމެންޓްގެ މައްސަލަތައް ހާއްސަކޮށް ފާހަގަކޮށްފައިވާތީ، އެ ޑިޕާޓްމަންޓްގެ ޗީފުން ފެށިގެން ސީނިއާ ލެވެލްގެ ހުރިހާ ބޭފުޅުންގެ މަގާމު ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ވަރަށް ޖޫނިއާ ލެވެލްގެ ސްޓާފެއް ނޫނީ ނުހުންނާނެ، ޕްރޮކިއުމެންޓަކީ އޭގެ ޒާތުން ޓެކްނިކަލް ކަންކަން ހިމެނޭ ކަމަކަށްވާތީ އެއްފަހަރާ ހުރިހާ ބޭފުުޅުން ބަދަލު ކުރީމަ މަސައްކަތަށް ބުރޫ އަރާތީ ސީނިއާ ލެވެލްގެ ބޭފުޅުން ބަަދަލުކޮށްފަ، ޖޫނިއާ ލެވެލްގެ ވެސް ބަދަލު ކުރަން ޖެހޭ ބޭފުޅުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ،"
އޭގެ އިތުރުން ޕްރޮޖެކްޓް ބައިގެ ސީނިއާ ލެވެލްގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް ބައެއް ބޭފުޅުން ތިބެދާނެ ނަމަވެސް އެބޭފުޅުން ހުންނާނީ ރޮޓޭޝަނެއް ގެނެވި ކުރިން ކުރި މަސައްކަތްތަކަށް ބާރު ނުފޯރުވޭ ގޮތަށް ބަދަލުތައް ގެނެސްފަ،"
ޖަނާހު ވިދާޅުވީ، ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން، އެ ކުންފުނީގެ ލީގަލް ޓީމާއި ރިސްކް އޮފިސަރު ހިމެނޭހެން ޓީމަކުން ކަމާބެހޭ ދިރާސާތައް ކުރަމުން އަންނަ ކަަމަށެވެ. އެ ދިރާސާތައް ނިމުކުން ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން ހިނގައިދިޔައިރު ކުންފުނީގެ މަގާމުތަކުގައި ތިބީ ކޮންބައެއްކަން ފާހަގަ ކުރެވޭނެ ކަމަަށްވެސް ވިދާޅުވިއެވެ.
މާ ލަސްތަކެއް ނުވެ އެ ދިރާސާ ނިމި އޭގެ ތެެރެއިން ވަކި ކުރަންޖެހޭ މުވައްޒަފުން ވަކިކޮށް، ދައުވާ ކުރަން ޖެހޭ މީހުންނާމެދު ދައުވާ ކުރާނެ ކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން