ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، މިނިސްޓަރުން މަޖިލީހަށް ވަޑައިގަންނަވާއިރު، ޖަވާބު ދެއްވޭނެ ފަހި މާހައުލެއް ގާއިމު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނާޒިމް މެންބަރުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ މިއަދުގެ ޖަލްސާގައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގެ ތެރެއިން ހިނގައިދިޔަ ކަންތައްކަމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި މިިނިސްޓަރާ ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން ހަދަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެތަން ނިމޭނެތޯ ބެއްލެވުމަށެވެ.
ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާލު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ.
ދެން މިނިސްޓަރު ވިދާޅުވީ، ސުވާލު ކުރައްވައިފައި ޖަވާބު އަޑުއެއްސެވުމުގެ ގާބިލުކަން މެންބަރުގެ ހުންނަން ޖެހޭނެ ކަމަަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 50 މިލިޔަން ރުފިޔާ ނުދައްކައި އޮތް ކަމަށެވެ. މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ކުރީ ސަރުކާރުން ދިޔައީ 50 މިލިއަނުން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި ސުވާލު ކުރަން ލަދު ގަންނަން ޖެހޭނެ ކަަމަށެވެ.
މިނިސްޓަރުގެ އެ ވާހަކަތަކަށް ޕީއެންސީ މެންބަރުން ތަރުހީބު ދެއްވަމުން ގެންދެވިއެވެ.
ނަަމަވެސް މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވައި އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުުމުން ޕީއެންސީ މެންބަރުންނާ ދެމެދު ޒުވާބު ގަދަވެ މައްސަލަ ހޫނުވިއެވެ. އެކަމާ ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އިށީންދެވަޑައިގަތުމަށާއި ދެން ތިއްބެވި މެންބަރުންވެސް މަޑުން ތިއްބެވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ނަސޭހަތްދެއްވަމުން ގެންދެވިއެވެ.
ނަމަވެސް އެ ހޫނުގަނޑުގައި ބައެއް މެންބަރުން މިނިސްޓަރު އިންނެވި ގޮނޑި ކައިރިއަށް ވަޑައިގަތުމުން، އެކަން މަޖިލީހުގެ ސެކިއުރިޓީގެ ސަމާލުކަމަށް ރިޔާސަތުން ގެންނެވިއެވެ. އަދި މެންބަރު މައުރޫފާއި އެހެން ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ މެންބަރުންނާއި މަޖިލީހުގައި އިންނެވި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވެސް އެތަނަށް ވަޑައިގެންނެވިއެވެ.
އެ ހިސާބުން މެންބަރު މައުރޫފާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށްފަހު، މެންބަރު މައުރޫފުގެ ނަން އިއްވަވައި ތަޅުމުން ނިކުންނެވުމަށް ރިޔާސަތުން އެންގެވިއެވެ.
މި ކަމާގުޅިގެން ނާޒިމް ވިދާޅުވީ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން މަޖިލީހަށް ވަޑައިނުގަންނައިގެން މެންބަރުން ޝަކުވާ ކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން ގާނޫނީ ޒިންމާ އަދާކޮށް މަޖިލީހަށް ވަޒީރުން ހާޒިރުކުރަން ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ވަޒީރުން މަޖިލީހަށް ވަޑައިގަންނަވަނީ ގާނޫނީގޮތުން އަދާކުރައްވަން ޖެހޭ ގާނޫނީ ޒިންމާއެއް އަދާކުރައްވަން ކަމަށްވާތީ، އެކަމަށް ފަހި މާހައުލެއް މަޖިލީހުގެ ގޭގައި ގާއިމު ކުރުމަކީ މެންބަރުންގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަންނަ ހަފުތާގެ ހުރިހާ ދުވަހަކަށްވެސް ވަޒީރުން ހާޒިރު ކުރުމަށް ވަނީ ތާވަލު ކުރެވިފައި، މިނިސްޓަރުން ކޮންމެ ޖަވާބެއް ދިނަސް އެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ހުންނަން ޖެހޭނެ، އިހުތިރާމު ދީގެން އިހުތިރާމު ލިބޭނީ. އަޅުގަނޑުގެ އިލްތިމާސަކީ މިއަދު ހިނގިގޮތަށް ކަންތައް ނުހިނގާނެ ގޮތަށް ކަންތައްތައް ބެހެއްޓުން،" ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް