ލޭ ލިބުން ދަތިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެެވެ.

"ރާއްޖޭގައި ބޮޑެތި ބަލިތަކަށް ދެވޭ ފަރުވާގެ ތެރެއިންނާއި ވިހެއުމާ ގުޅިގެންނާއި، އޮޕަރޭޝަން ކުރުމާ ގުޅިގެންނާއި އެކްސިޑެންތްތަކާއި، އަދި އެފަދަ އެކިއެކި ކަންކަމާގުޅިގެން ދޭންޖެހޭ ކުއްލި ފަރުވާތަކާއި ލޭގެ ބަލިތަކާއި އަދި ތެލަސީމިޔާ ފަދައިން އާއްމުކޮށް ލޭ އަޅަންޖެހޭ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ލޭ ހޯދުމަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަވޭ،" ގަރާރުގައި ބުނެފައިވެއެވެ.

ތެލަސީމިއާ އާބާދީއަކީ އާއްމުކޮށް ލޭ އަޅަންޖެހޭ ގިނަ އަދަދެއްގެ ބައެއްކަމަށްވީ އިރު، ލޭ ލިބުމަށް ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން އެ ފަރާތްތަކަށް އިންތިހާއަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އިންތިހާއަށް ތަކުލީފުތައް ކުރިމަތިވާކަމުގެ ކަންބޮޑުވުން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރަމުންދާ ކަމަަށްވެސް ގަރާރުގައިވެއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ލޭ އެޅުމުގެ ހިދުމަތުގެ ގައުމީ މަރުކަޒުގެ ގޮތުގައި "މޯލްޑިވިއަން ބްލަޑް ސާވިސަސް" ގެ ނަމުގައި އިދާރާއެއް އުފައްދައި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި، ލޭ އެޅުމުގެ ހިދުމަތް ދިނުމަށާއި، ލޭ ހޯދުމާއި ލޭ ރައްކާކުރުމާއި ލެޔާ ގުޅުންހުރި އެކިއެކި ތަހުލީލުތަކާއި ދިރާސާތައް ކުރުމަށް، އަދި ލޭގެ ހިދުމަތާބެހޭ ގައުމީ ނިޒާމު ގާއިމުކޮށް، އެ ނިޒާމު ހިންގުމަށް ބޭނުންވާ ގަވާއިދު ހެދުމާއި އެންމެހައި ކަންކަން ވިލަރެސްކޮށް މޮނިޓާކުރާ ތަނުގެ ގޮތުގައި ކަންޑައަޅާފައިވީ ނަމަވެސް އެކަށީގެންވާ މިންވަރަށް އެކަންކުރަމުން ނުދާކަމަށްވެސް ބުނެފައިވެއެވެ.

ލޭ ބޭނުންވާ މީހުންނަށް ލޭ ހޯދުމަށް ދިމާާވާ ތަކުލީފުތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ވެސް މި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ގަރާރު ބޭރުކޮށްލީ، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 53 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ބަލައިގަންނަން ވޯޓުދެއްވީ އެންމެ 10 މެންބަރުންނެވެ.