ލ. މުންޑޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުންޑޫގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގެންބޭއްވި ހާއްސާ ރަސްމިއްޔާތުގައެވެ.

އެ ހިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް މުންޑޫ ކައުންސިލާ ހަވާލުކުރައްވައިފައެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ހަފުތާތެރޭގައި ބީއެމްއެލުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެއެވެ.

ލ. އަތޮޅުގެ ހަތް ރަށުގައި އޭޓީއެމް ގާއިމުކުރުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރި ރަށްތަކުގެ އަދަދު 103 އަށް އަރާނެކަމަށް ބީއެމްއެލުން ބުންޏެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 18 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބީއެމްއެލުން ކުރިއަށްގެންދާ އިރު، އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.