ސަރުކާރުން ކުންފުނިތަކުން، އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ހުރިހާ ފައިސާ ދޭނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު ފޮނަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން ފައިސާ ދައްކަން ކަނޑައެޅިފައިވާ ހުރިހާ އަމިއްލަ ކުންފުނިތަކެއްގެ ބިލުތަކަށް އެ މަނިކުފާނު ދާދި ފަހުން ވިދާޅުވި ފަދައިން، ފަސް ހަފުތާ ތެރޭގައި ފައިސާ ދައްކައި ނިންމާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި ހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި ދެން ހުރި ހުރިހާ ބިލެއްގެ ފައިސާ ފަސް ހަފުތާ ތެރޭގައި ދައްކައި ހަލާސްކުރާނެ ކަމަށެވެ.
"އެތައް ހާސް މިލިއަން ރުފިޔާގެ އެތައް ބިލެއްގެ ފައިސާ ނުދައްކައި ހުރީ ސަރުކާރު ބަދަލުވިއިރު. އަޅުގަނޑު މިހާރު ބަލައިލާއިރުވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި. ދެހާސް މިލިއަން ރުފިޔާ. އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު، މިއައީ އެތައް ބިލެއްގެ ފައިސާ ވެސް ދައްކަމުން،" ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި ފައިސާ ކުރިއަށް އޮތް ހަފުތާއެއް، ދެ ހަފުތާއެއް ތެރޭ އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަން. އެ ޔަގީންކަން އަޅުގަނޑު އަނެއްކާވެސް ހުރިހާ ފަރާތްތަކަށް ދެން،"
ރައީސް ވިދާޅުވީ "މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ." ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ރަނގަޅުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ އަތްމަތި ތަނަވަސް ވާނެ ކަމަށެވެ.
ސަބަބަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ކޮންޓްރެކްޓު ލިބިގެންދިއުންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު