ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ އާ ޓާމިނަލުން ސައުދިއާ އަށް ހިދުމަތް ދޭން ފެށުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވީއައިއޭގައި ކުރިޔަށްގެންގޮސްފައިކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދުއެވެ.
އެ ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ, ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ, ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއޭސީއެލުން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށާއި އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 ރާއްޖެ އައި 127 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ސައުދިއާ އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ.
ސައުދިއާ އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެގާރަ ވަނަ އެއާލައިނެވެ. ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް