ޓްރީޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕުން 362 މީހަކަށް ހިދުމަތް ދީފިއެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަހަރުގެ ބާއްވާ ހަތަރުވަނަ ހެލްތު ކޭމްޕް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ ކޭމްޕް ކުރިޔަށްގެންދިޔައީ މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ ހަފުތާ ބަންދު، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. އެ ކޭމްޕުގައި މ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.

އެ ކޭމްޕުގައި ޓްރީ ޓޮޕުގެ 8 ސްޕެޝަލިސްޓުން ބައިވެރިވެ ހިދުމަތް ދީފައިވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެެވެ. ހިދުމަތް ފޯރުކޮށްދިން ސްޕެޝަލިސްޓު ޑޮކްޓަރުންނަކީ އީއެންޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އަދި ނިއުރޯސާޖަރީގެ ދާއިރާތަކުން ކޮންސަލްޓަންޓުން ކަމަށް ޓްރީޓޮޕުން ބުންޏެެވެ.

އެ ކޭމްޕުގެ މައިގަނޑު މަގުސަދަކީ ރަށުގައި ތިބެގެން ޓީޓީއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ރައްޔިތުންނަށް ދިނުން ކަމަށް ޓީޓީއެޗުން ބުނެއެވެ.

"މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށްތަކުން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑިކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ،" ޓްރީޓޮޕްގެ ޗީފް އޮޕްރޭޝަންސް އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވިދާޅުވިއެވެ.

އެ ކޭމް ކާމިޔާބުކަމާއިއެކު ނިންމާލުމުގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ އެހީތެރިކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

މ. ގެ އިތުރުން މިއަހަރު ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގައި ހެލްތު ކޭމްޕްތައް ބާއްވާފައިވާ ކަމަށް ޓީޓީއެޗުން ބުނެއެވެ.

2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވި ކޭމްޕްތަކުން 3,800 އަށްވުރެ ގިނަ މީހުނަށް ހިދުމަތް ފޯރުކޮށްދީފައިވާކަން ވެސް އެހޮސްޕިޓަލުން ފާހަގަކުރެއެވެ. އެ ކޭމްޕްތަކުގެ އިތުރު މަގުސަދެއްގެ ގޮތުގައި މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ފަންނުވެރިންނާއެކު އިތުރު މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމާއި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.