ލ. ފޮނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފޮނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބަނދަރު މަޝްރޫއުގެ ދަށުން، 98,233 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 4497 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުން ކުރުމާއި، 482 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މިހާރު އޮތް އެއްގަމުތޮށި މަރާމާތު ކުރުމާއި، 92 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 171 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 4500 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ 89.58 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ޖުމުލަ 3127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ރަށު ރައްޔިތުން ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންދިޔަ ނަމަވެސް، މިއަދު ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބޭނެ ކަމަށާއި މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ޖުމުލަ 12.36 ކިލޯމީޓަރުގެ މަގު ތަރައްގީކުރެވޭނެއެވެ. އޭގެ އިތުރުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި، ދުވާރު ހެދުމާއި ދުއްވާ ސަރަހައްދެއް ހާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ، 89.17 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ތާރު އަޅާފައިވާ ޒަމާނީ މަގުތަކެއް ލިބޭނެ ކަމަށާއި އަދި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން، ހިނގައި ބިނގައިވެ އުޅުމަށާއި އުޅަނދުފަހަރު ދުއްވުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.