މިދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ އިންތިޚާބަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބް ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކުނަހަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

20 އޮކްޓޯބަރު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. ކުނަހަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެންގެ ހަޔާތުން 40 އަހަރު ވެގެންދިޔައިރު، އަޅުގަނޑުމެންގެ ކައިރިއަށް އިންތިހާބީ ރައީސެއް ފުރަތަމަ ފަހަރަށް ކުނަހަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން އުފަލާއެކު ފާހަގަކުރަން،" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުނަހަންދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝަކީބް ވިދާޅުވިއެވެ.

ޝަކީބް ވަނީ ކުނަހަންދޫގައި އަލަށް ފަށާ ހަތަރު މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވެސް ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި އެމްޓީސީސީއާ މިއަދު ހަވާލުކުރި ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ވާހަކަ ފާހަގަކުރެއްވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން މިއަދު ވަނީ ކުނަހަންދޫ ވޮލީ ކޯޓާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ. ކުނަހަންދޫ ވޮލީ ކޯޓާއި ފިޓްނަސް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، މަގުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާއެވެ.