ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަސެލް ހާން (37އ) އާއި، އެމްޑީ ސޮހެލް ހަވްލަދަރު (32އ) އަދި ނުރުލް އިސްލާމް (40އ) އެވެ. މި ތިން މީހުންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ހޯދައިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.