ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި މެންބަރުން މަދުކަމުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުން ފާސްކުރުމުގެ މަސައްކަތް މަޖިލިސް ތަޅުމުގައި ކުރިއަކަށް ނުގެންދިޔައެވެ.

އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވާލާ އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގާއެކު ތިން ބޭފުޅަކަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް، އެއާމެދު ގޮތެއް ނިންމަން ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

އެހެންކަމުން ކޮމިޓީތަކުން ހުށަހަޅާ ކަންތަކުގެ ގޮތުގައި މަޖިލީހުުގެ މިއަދުގެ ޖަލްސާއަށް އެ މަސައްކަތް އޮތީ އެޖެންޑާކޮށްފައެވެ.

ނަމަވެސް ކޮމިޓީގެ މަސައްކަތާ ޖެހުމުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ މައްސަކަތް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވެން ނެތް ކަަމަށެވެ.

"ސަބަބަކީ މިއީ ގާނޫނެއްގެ ދަށުން ކުރަންޖެހޭ މަސައްކަތަކަށްވާތީ، އެ ގާނޫނުގެ 19 ވަނަ މާއްދާގައި ވަނީ ޖުމުލަ މަޖިލިސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތްތަކެއްކަމަށް ކޮމިޝަނަށް އައްޔަންކުރަންޖެހޭނީ،"

އެހެންކަމުން އެ ފަރާތްތަކަށް ވޯޓަށް އެހޭނީ 47 މެންބަރުން ހާޒިރުވެ ވަޑައިގެން ތިއްބެވި ޖަލްސާއެއްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް ނާޒިމް ވިދާޅުވީ، މަޖިލީހުގެ 93 މެންބަރުންގެ ތެެރެއިން 17 މެންބަރުން ރަސްމީ ދަތުރުފުޅުތަކެއްގައި ތިއްބެވީ ރަށުން ބޭރުގައި ކަމަށާއި، ހަ މެންބަރުން ސަލާމުގައި ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ހާޒިރީއަށް ބަލާއިރު އެ މައްސަލައަށް ވޯޓުނެގުމަށް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަަމަނުވާ ކަމަށް ނާޒިމް ވިދާޅުވިއެެވެ.

އެހެންކަމުން ދެން އޮންނަ މަޖިލިސް ޖަލްސާއެއްގެ ހާޒިރީ އެކަމަށް ފަހވާގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ އަރިހުން އެދިލެއްވުމަށްފަހު، ނާޒިމް މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.

  1. ފާތިމަތު ފަހުމީ، ސީނަރީ، ގދ. މަޑަވެލި
  2. މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  3. ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
  4. އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  5. އިބްރާހިމް މުހައްމަދު، ގ. ވިންޑް
  6. މޫސާ ރިލްވާން، މ. ހާވިލާ
  7. މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  8. ޝެހެނާޒް އަދްނާން، ދރ. ރސ. 80580
  9. މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
  10. ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ

ނަމަވެސް މި ބޭފުޅުންނާ ކޮމިޓީން އިއްޔެ އިންޓަވިއު ކުރެއްވި އިރު، ދެ ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ. އެއީ ޝަފީގާ ނައީމާއި ފާރިސް ތޯހާ އެވެ.

ދެން ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، 75 މާކްްސްއަށްވުރެ މަތިން ޕޮއިންޓް ލިިބުނު ތިން ބޭފުޅުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށް ދިނުމަށް، މަޖިލިސް ތަޅުމަށް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ އެދިފައެވެ.

ކޮމިޓީން ޕޮއިންޓް ލިބުނު ގޮތް:

  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް %90.50
  • ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ %88.88
  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި %87.88
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް %71.75
  • މޫސާ ރިލްވާން، މ. ހާވިލާ %67.75
  • ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި %67.50
  • ޝެހެނާޒް އަދްނާން، ދރ. ރސ. 80580 %60.25
  • މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ %55.50