ލ. ހިތަދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ހިތަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވަނީ ރަށުގެ ތަރައްގީއަށް ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަަޑައިގެންފައި ކަމަށެވެ. ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫއުތަކުގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިވާއިރު ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކާ އަޅުގަނޑުމެން މިއަދު މި ފެށި މަސައްކަތަކީ މި ރަށުގެ ހެލްތު ސެންޓަރު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކާ އަޅުގަނޑުމެން މިކުރާ މަސައްކަތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް. މިއަދު މިފެށި މަސައްކަތުން އެޅޭ އިމާރާތުގަ ހަތަރު އެނދު ހިމެނޭ ވޯޑަކާ، ނާސް ސްޓޭޝަނަކާ، ޕަބްލިކް ހެލްތު ޔުނިޓަކާ، ލެބޯރެޓަރީއަކާ، ލޯންޑްރީއަކާ، ގަރާޖަކާ، ސްޓޯރޭޖަކާ މި ހުރިހާ ތަނެއް ހިމެނޭ" ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ މިރަށުގެ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުން"

ރައީސް ވިދާޅުވީ ރަށުގެ ސްކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް މި ދަތުރުގެ ތެރެއިން ނުފެށުނީ ބައެއް ކަންކަން ފުރިހަމަކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މި އަންނަ ހަފުތާ ތެރޭގައި އެ މަޝްރޫއު ބަޔަކާ ހަވާލުކޮށް، މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިތަދޫއާއި ކުނަހަންދޫ، ކޯސްވޭއަކުން ގުޅާލުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށާއި އެ މަސައްކަތް ބާރަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ އައިސް ޕްލާންޓުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ މަޝްރޫއަކީ އެ މަނިކުފާނު ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ކަންކަން ކަމަށާއި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް އެ މަޝްރޫއުތަކަށް ދޭނެ ކަމަށެވެ.

ރައްޔިތުންގެ ގާތަށް އެ މަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ރައީސް ވިދާޅުވީ ހިތަދޫ ރައްޔިތުންގެ ފަރާތުން ރަށުގައި އެއާޕޯޓް ހެދުމަށް އެދި ވަރަށް ރަނގަޅު ޓެކްނިކަލް ޕްލޭނެއް ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އަދި އެއާޕޯޓު ހަދާނެ ވަކި ރަށެއް އެ މަނިކުފާނު ކަނޑަނާޅުއްވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.