ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ފަށައިފިއެވެ.

ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތްފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މި ކޯޒްވޭގެ ދުއްވާ ސަރަހައްދުގެ ފުޅާމިނަކީ 7.80 މީޓަރެވެ. ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 81.22 މިލިޔަން ރުފިޔާއަށް 500 ދުވަސްތެރޭ ނިންމައި ހަވާލުކުރާގޮތަށެވެ.

އެ މަޝްރޫގެ އެއްބަސްވުމުގުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • ކުނަހަންދޫއާއި މެންދޫއާދޭތެރޭ 210 މީޓަރުގެ ކޯޒްވޭއެއް ގާއިމްކުރުން.
  • މާމެންދޫއާއި ހިތަަދޫއާ ދޭތެރޭގައި 75 މީޓަރުގެ ކޯޒްވޭއެއް ގާއިމްކުރުން.
  • 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.

ހިތަދޫއާއި ކުނަހަންދޫއަކީ ދެ ރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެއް އާއިލާތަކެއް ދިރިއުޅޭ ދެ ރަށަކަށް ވުމުން، ތަފާތު ބޭނުންތަކަށް އެ ދެ ރަށުގެ ރައްޔިތުން އެއް ރަށުން އަނެއްރަށަށް ދަތުރުކޮށް ހަދައެވެ. މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ އެ ދަތުރުތައް ކުރުން އޮންނަނީ ދަތިކަމަކަށް ވެފައެވެ.

ކޯޒްވޭ ގާއިމްވުމުން އެ ދަތިތަކަށް ހައްލު ލިބި ފަސޭހަކަމާއެކު ދެ ރަށުގެ ރައްޔިތުންނަށްވެސް އެެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.