ލ. މާވަށުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމި 11 މަޝްރޫއުގެ މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށް ގެންގޮސް ވަރަށް އަވަހަށް ނިންމައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ މާވަށުގެ ރައްޔިތުންނާ ކުރިންވެސް ބައްދަލުކުރައްވާފައިވާާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ އަމަލީ މަސައްކަތް މިއަދު ފަށައި ބައެއް މަޝްރޫއުތަކުގައި ސޮއިކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަވެސް ދޭން ބޭނުންވާ ޔަގީންކަމަކީ އިރާދަކުރެއްވިޔާ ސަރުކާރުން މިއިން ކޮންމެ މަސައްކަތެއް، މަޝްރޫއެއްވެސް ފުރިހަމަކަމާއެކީގަ ނިންމަދޭނެކަމުގެ ޔަގީންކަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާވަށުގެ ލޭންޑް ޔޫޒް ޕްލޭން ރަށުގެ ރައްޔިތުންގެ ހިޔާލާއެކު ކައުންސިލުން ހަދައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މާވަށުން ހިއްކުމަށް ނިންމާފައިވާ 15 ހެކްޓަރުގެ ބިމަށް އިތުރު 15 ހެކްޓަރު އިތުރުކޮށްދީ ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކައިދިނުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ބިން ހިއްކުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށާއި ބިން ހިއްކައި ނިމުމުން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ބިމުގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަދަނޑެއް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެ ބިމުގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދެވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މާވަށު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާ މަންޒަރު ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާވަށުގެ ސިއްހީ މަރުކަޒު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަކީވެސް އެ މަނިކުފާނުގެ ވައުދެއްކަމަށް ރައީސް ވިދާޅުވިއެވެ. މިމަހުގެ ތެރޭގައި ސިއްހީ މަރުކަޒުގެ ތަރައްގީ ކުރުމަށް ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މާވަށުގެ ސިއްހީ މަރުކަޒަށް، ހޮސްޕިޓަލެއްގެ ދަރަޖަ ދިނުމަށްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މާވަށުގެ ޖިއޯގްރަފީ އޮންނަ ގޮތުގެ ސަބަބުން ބަލިމީހުން ސީ އެމްބިއުލާންސްގައި އުުފުލުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކެބިނެޓުން ވަނީ ސީ އެމްބިއުލާންސް ފްލީޓު ބޮޑުކުރުމަށް ނިންމާފައި ކަމަށެވެ. މިއަންނަ އަހަރުން ފެށިގެން މާވަށުގައި ގާއިމުވެފައިވާ ސީ އެމްބިއުލާންސެއް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ މައި ހަތަރު މަގެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެހެން މަގުތައް ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށުގެ ޒުވާނުން ވަނީ ސްޕޯޓްސް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިފައި ކަމަށާއި ސަރުކާރުން އެކަން ކޮށްދޭނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވައިފައެެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލ. އަތޮޅަށް ދެވަނަ އެއާޕޯޓެއް މުހިންމު ކަމަށާއި އެއާޕޯޓް ހަދާނީ އިގްތިސޯދީ ގޮތުންނާއި ފަތުރުވެރިކަމަށް އެކަށޭނެ ހިސާބެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް ހަދާނީ ކޮން ރަށެއްގައިކަން އެ މަނިކުފާނު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.