ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި ރާއްޖޭގައި އެކުލަވާލާފައިވާ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ސްކީމް (އާސަންދަ) ގެ ހިދުމަތް، ދިވެހިންނާ ކައިވެނިކޮށްގެން، ރާއްޖޭގައި ދިރިއުޅެމުންދާ ބޭރު މީހުންނަށް ނުލިބޭކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަަހަޅަން ނިންމައިފިއެވެ.

މި ގަރާރު ހުށަހަޅުއްވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ގަރާރުގައި ބުނެފައި ވަނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަަމަށް، ގާނޫނުއަސާސީގެ 17 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހަމަ އެއާއެކު ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ގާނޫނުއަސާސީއަށް ނަޒަރު ކުރާއިރު، އިންތިހާބު ތަކުގައި ވާދަ ކުރުމާއި، ދައުލަތުގެ އެކިއެކި މަގާމްތަކަށް އައްޔަން ކުރުމުގެ ހައްގު ފިޔަވައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ސިޔާދަތުހިނގާ ސަރަހައްދުގައި އުޅޭ ބިދޭސީންނާމެދުގައި، ހައްގުތައް ލިބިދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތްކަން ފާހަގަވޭ،" ގަރާރުގައިވެއެވެ.

އޭގެ އިތުރުން ދިވެހި ރައްޔިތުންގެ ތެރެއިން އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު، ބިދޭސީންނާ ކައިވެނިކޮށްގެން، ރާއްޖޭގައި ދިރިއުޅެމުންދާއިރު، އެމީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ، އެ ދަރިންނަށް ދަރިން ލިބި، އެ މީހުންގެ މުޅި ހަޔާތް ރާއްޖޭގައި ވޭތިކުރަމުންދިޔަ ނަމަވެސް އާސަންދައިގެ ހިދުމަތް ލިބެމުންދަނީ ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަނިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ގާނޫނުއަސާސީގެ ނުވަވަނަ މާއްދާގައި ދިވެހި ރައްޔިތުން ކަމަށް މާނަކުރަނީ:

  1. މިހާރު އޮތް ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު ދިވެހި ރައްޔިތެއް ކަަމުގައިވާ ކޮންމެ މީހެއް
  2. ދިވެހި ރައްޔިތަކަށް އުފަން ކޮންމެ މީހެއް
  3. ގާނޫނުގައިވާގޮތުގެމަތިން ދިވެހި ރައްޔަތަކަށް ވެއްޖެ ކޮންމެ މީހެއް،

"އެހެންކަމުން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަކީ ގާނޫނުއަސާސީއަށް އަމަލުކުރާން ފެށިއިރު ދިވެހި ރައްޔިތުންނަށް ވެފައިވާ މީހުން ކަމުގައި ނުވުމާއި، ދިވެހި ރައްޔިތަކަށް އުފަން ދަރިން ކަމަށް ނުވުމުގެ އިތުރަށް ގާނޫނުގައިވާގޮތުގެމަތިން ދިވެހި ރައްޔިތަކަށް ވެފައިވާ ބިދޭސީންކަމުގައި ނުވޭ،" ގަރާރުގައިވެއެވެ.

ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވުމަން އޮންނަ ހަަމައެކަނި މަގަކީ، "ދިވެހިރާއްޖޭގެ ސިޓިޒަންޝިޕްގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމާއި، މި ގާނޫނަކީ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ގާނޫނެއްކަމަށްވާތީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ހޯދިފައިނުވާކަން ވެސް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެމީހުންގެ ތެރެއިން އެތައް ބަޔަކު މުސްކުޅިވެ ލޯބޯ ކޮށިވެ، އަދި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހިފައިވުމުގެ ސަބަބުން ސިއްހީ ފަރުވާގެ ހަރަދުތައް ހަަމަޖެއްސުމަށް ދަތިވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެ މީހުންނަކީ ދިވެހި އާއިލާތަކުގެ މެންބަރުން ކަމަށްވީހިނދު، އެމީހުންނާ މެދު އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ އެމީހުންގެ ހައްގެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އެމީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބުމަކީ އެމީހުންގެ ކަންބޮޑުވުމެއްކަން ފާހަގަކޮށް، މި ގަރާރު ހުށަހަޅަނީ، އެކަމާ މެދު މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ކަމަށްވެސް ގަރާރުގައިވެއެވެ.