ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވެފައިވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން އަތޮޅުތެރޭގެ ހުނަރު ފެނިގެންދާނެ ކަމަށާއި، އެ ހުނަރަށް ކުޅިވަރު ފަންޑުން ހަރަދުކޮށް، ހުނަރު ކުރިއަރުވަން މަސައްކަތް ކުރެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
ރާފިއު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ކަންކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދަވަނީ ޕްރޮސެސްއެއް ކަމަށާއި، މިހާރުވެސް މާސްޓާ ޕްލޭންގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ކުޅިވަރުގެ ފައުންޑޭޝަން ރަނގަޅުކޮށް، ހަރުފަތަކަށްފަހު ހަރުފަތަކަށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ މުހިއްމު އެއް ކަމަކަށް ކުޅިވަރު ގާނޫނު އިސްލާހު ވެ، ކުޅިވަރު ފަންޑެން ގާއިމުކުރަން ނިންމާފައިވާ ނިންމުމާއެކު ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަސައްކަތް ފެށުން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާފިއު ވިދާޅުވީ މިހާރު އަތޮޅު ތެރޭގެ މުބާރާތްތަކަކީ ސަރުކާރުގެ ވިސްނުމަށް ފެތޭ މުބާރާތެއް ކަމަށެވެ.
"އަތޮޅު ތެރޭގެ މުބާރާތްތައް ފެށީމަ، އެކި ރީޖަންތަކުގައި މުބާރާތް ބޭއްވިގެންދާނެ. އެ މުބާރާތްތަކުން ހުނަރުވެރި ކުދިން އެނގިގެންދާނެ. އެ ހާއްސަ ހުނަރު ހުރި ކުދިންނަށް އަޅުގަނޑުމެންނަށް ކުޅިވަރު ފަންޑުން ހަރަދުކުރެވޭނެ އެ ކުދިން ޑިވަލޮޕްކުރަން. ސްޕޯޓްސް ފަންޑުގެ މަސައްކަތް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ފުޓުބޯޅައިގެ ކަންކަމާ ގުޅުވައިގެން މިނިސްޓަރު ރާފިއު ވިދާޅުވީ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެވި، މިހާރު އެސޯސިއޭޝަން ރަނގަޅަށް ހިނގަމުން އަންނަ ކަމަށެވެ.
އެސޯސިއޭޝަނުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ އިރު، މިހާރު ލީގުގެ ކޮލިޓީވެސް ރަނގަޅުވަމުން އަންނަ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ. އެއީ ހެޔޮ ފާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، އަތޮޅު ތެރޭގެ މުބާރާތްތައް ބޭއްވުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތަކީ ސަރުކާރުގެ ދުރު ރާސްތާ ޕްލޭނާ އެއްގޮތް ވާ ގޮތަށް ކުރިއަށްދާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފުރަތަމަ ފުރުސަތު ހުޅުވާލައިގެން އަތޮޅު ތެރޭ ޓީމުތަކުން މިހާރު އަންނަނީ މުބާރާތަށް ތައްޔާރުވަމުންނެވެ. އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބ ގެ އިތުރުން ޅ. އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.
އެޓޯލް ޗެމްޕިއަންޝިޕް، ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި، ސެންޓްރަލައިޒްކޮށް ހޯސްޓް ކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ކޮންމެ ރީޖަނެއްގެވެސް ކޮލިފިކޭޝަން ބެހިގެންދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ.
ރީޖަނަލް މުބާރާތްތަކުގެ ތާރީހުތައް
- ނޯތު ރީޖަން - 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025 އަށް
- ސެންޓްރަލް ރީޖަން - 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025 އަށް
- ސައުތު ރީޖަން - 1 ޑިސެމްބަރު 2025 އިން 15 ފެބްރުއަރީ 2026 އަށް
މުޙައްމަދު ޝަމްޢޫން
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު