ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ފިޝަރީޒް މިނިސްޓްރީން ހިންގަން ނިންމާފައިވާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން އަނެއްކާވެސް ހުޅުވާލައިފިއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން މިދިޔަ މަހުވެސް ވަނީ ހުޅުވާލައިފައެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރުން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގާ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
އެ ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށެވެ. މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، އެކަމާ ގުޅޭ ފޯމް ފުރިހަމަކުރުމަށްފަހު މި މަހު 23ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ވަނީ އެދިފައެވެ.
ޝަރުތުތައް އަދި ހުށަހަޅަންޖެހޭ ތަކެތި:
- މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން.
- މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން.
- ތަމްރީނުގެ ބައިވެރިވުމަށް އެދޭ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- 18 އަހަރު ދަށުގެ ޒުވާނެއްނަމަ، ބެލެނިވެރިޔާ ހުއްދަ އޮތްކަމުގެ ލިޔުމެއް.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް