ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް މުސާރަ ބޮޑުކޮށްފައިވާ ކަމަށް އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

ސްޕޯޓްސް މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް މީގެ ކުރިން ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް، މިދިޔަ މެއި މަހުން ފެށިގެން، 7000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން 15 ސެޕްޓެމްބަރުން ފެށިގެން ތައްޔާރުކުރާ މުސާރަ ޝީޓުގައި 7000 ރުފިޔާ ހިމަނާފައި ފޮނުވުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. އޭގެ އިތުރުން މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ މުއްދަތަށް ބޮޑުވި އެލަވަންސްގެ ބައި ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ގައުމީ ޓީމުތަކަށް ދޭ މުސާރަ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ނުލިބޭތީ މީގެ ކުރިންވެސް ޝަކުވާ އައިސްފައިވާ އިރު، ކުރިން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ އެކަން ނުކުރެވެނީ އުސޫލު އޮންނަ ގޮތުން ކަމަށެވެ.

މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ގައުމީ ޓީމުތަކަށް މުސާރަ ދޭ އުސޫލެއް ކުޅިވަރުގެ ގައުމީ މަޖިލީހުން އެކުލަވާލާފައިވާ ކަމަށާއި، އަމަލުކުރަމުން އަންނަނީ އެ އުސޫލަށް ކަމަށެވެ. އަދި ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތީ އުސޫލުގެ ސަބަބުން ކަމަށާއި، އުސޫލު ބަދަލުކުރުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން އެފަހަރު މިނިސްޓްރީން ބުނީ ފުޓްސަލްގެ ބެލެނިވެރި ފަރާތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކަމަށާއި، އެ އިދާރާއަށް ރަނގަޅު ގޮތުގައި ފުޓްސަލްގެ ކަންކަން ނުބެލި އޮތުންވެސް އެއީ މުސާރަ ނުދެވޭ އެއް ސަބަބު ކަމަށެވެ.

އެކަންކަން ހައްލުކުރައްވާނެ ކަމަށް އޭރު ފާހަގަކުރެއްވި ނަމަވެސް، އަދިވެސް މުސާރައިގެ ތެރޭގައި ފުޓްސަލް ކުޅުންތެރިން ނުހިމެނޭތީ އެކަމުގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.