މަޑަގަސްކަރައިގެ ރައީސް ކަމަށް އާމީ ލީޑަރު ކާނަލް މައިކަލް ރަންޑްރިއަނިރީނާ އައްޔަނުކޮށްފިއެވެ.

މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޖެންޒީން ކުރަން ފެށި މުޒާހަރާތައް ހޫނުވެ ސަރުކާރު ޕްރެޝަރަށް ވެއްޓުނު ދަނޑިވަޅުގައި އެ ގައުމުގެ މިލިޓަރީގެ އިސް ޔުނިޓަކުން ވަނީ މުޒާހަރާތަކާ ގުޅި ސަރުކާރު ވައްޓާލައިފައެވެ.

މަޑަގަސްކަރައިގެ ސަރުކާރުގެ ކޮންޓްރޯލު ގެއްލުމާއެކު އެ ގައުމުގެ އޭރުގެ ރައީސް ވަނީ ގައުމު ދޫކުރައްވައި ފިއްލަވައިފައެވެ.

މަޑަގަސްކަރައިގެ ވެރިކަން ވެއްޓުމާއެކު އެ ގައުމުގެ ސަރުކާރާ މިލިޓަރީން ހަވާލުވެ ވަނީ ގާނޫނު ހަދާ މަޖިލިސްގެ ކޮންޓްރޯލުވެސް ނަގައި ގާނޫނު އަސާސީގެ ބާރުތައް ހިފަހައްޓައިފައެވެ.

އާ ސަރުކާރާ މިލިޓަރީން ހަވާލުވުމަށްފަހު އެ ގައުމުގެ ހައިކޯޓުން އިއްޔެ ވަނީ މިލިޓަރީގެ ވެރިޔާ ކާނަލް މައިކަލް ރަންޑްރިއަނިރީނާ އެ ގައުމުގެ ރައީސްކަމަށް ރަސްމީގޮތުން އައްޔަނުކޮށްފައެވެ.

މަޑަގަސްކަރައިގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 22 މީހުން މަރާލާފައިވާއިރު 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.