މަޑަގަސްކަރައަކީ އެފްރިކާގެ އިރުމަތީބިތުގެ އައްސޭރީގައި އޮންނަ ވަރަށް ބިޔަ ޖަޒީރާ ގައުމެކެވެ. އެއީ ދުނިޔޭގެ ހަތަރުވަނަޔަށް އެންމެބޮޑު ޖަޒީރާއެވެ. ޖަޒީރާއެއް ނުވަތަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ދެވަނަޔަށް އެންމެބޮޑު ގައުމަކީވެސް މަޑަގަސްކަރައެވެ. އާބާދީއަކީ ގާތްގަޑަކަށް ބައްތިރީސް މިލިޔަނެވެ. އެގައުމަށް މިނިވަންކަން ލިބުނީ މީގެ 65 އަހަރު ކުރިން ފަރަންސޭސީންގެ އަތުންނެވެ. ބިމާއި ވަސީލަތްތަކުގެ ގޮތުން މަޑަގަސްކަރައަކީ މުއްސަނދި ގައުމެކެވެ. އެކަމަކު ވެރިންގެ ދޯދިޔާކަން ބޮޑުކަމާއި ވައްކަމާއި ފަސާދައިގެ ސަބަބުން މަޑަގަސްކަރަ ހިމެނެމުން އަންނަނީ ދުނިޔޭގެ ފަގީރު ގައުމުތަކުގެ ތެރޭގައެވެ. މަޑަގަސްކަރައިގެ ތާރީޚަކީ ސިޔާސީގޮތުން ވަރަށްވެސް ހަލަބޮލި އަދި ހަމަނުޖެހުންތަކާއި އިންގިލާބުތައް ގިނަ ތާރީޚެކެވެ. އެންމެފަހުން މިދިޔަ އާދީއްތަ ދުވަހު ސިފައިންގެ ބަޔަކު ވަނީ ވެެރިކަން ވައްޓާލައި އިންގިލާބެެއް ގެނެސްފައެވެ. މިކަން ފެށުނުގޮތާއި ވީގޮތުގެ މައްޗަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

މުޒާހަރާ ކުރުމަކީ މަޑަގަސްކަރައިގެ ރައްޔިތުންނަށް އައުކަމެއް ނޫނެވެ. ސަރުކާރާ ދެކޮޅަށް ސިފައިން ނުކުމެ ބަޣާވާތްކޮށް ވެރިކަން ފުރޮޅައިލުމަކީވެސް އައުކަމެއް ނޫނެވެ. އެކަމަކު މިފަހަރުގެ ހަޅުތާލުތަކާއި އިންގިލާބު ވަރަށް ތަފާތެވެ. ދާދިފަހުން ނޭޕާލާއި ބަންގްލަދޭޝާއި ސްރީލަންކާގައި ޒުވާނުން އިސްވެތިބެގެން ކުރި ހަޅުތާލުތަކާއި ވެރިކަން ބަދަލުކުރިގޮތުން ފިލާވަޅު ލިބިގަނެގެން މަޑަގަސްކަރައިގައި މިފަހަރު ކުރިކަމެއްކުރީ ހަގީގަތުގައި ޒުވާނުންނެވެ. ރައީސް އަންޑްރީ ރަޖޮލީނާގެ ސަރުކާރާ ދެކޮޅަށް "ޖެންޒީ މަޑަގަސްކަރަ" މިނަމުގައި ވެރިރަށް އެންޓަނަރީވޯއާއި އެނޫންވެސް ސަހަރުތަކުގެ މަގުމައްޗަށް ޒުވާނުން ނުކުތީ ފެނާއި ކަރަންޓުގެ ޚިދުމަތް ލިބުން ދަތިވުމާއި ސަރުކާރުގެ ވެރީންގެ ކޮރަޕްޝަން އިތުރުވުން ކަހަލަ މައްސަލަތަކާ ދެކޮޅަަށް އަޑު އުފުލުމަށެވެ. އިސާހިތަކު މުޒާހަރާތައް ފުޅާވެ ވަރުގަދަވެ ސަރުކާރަށް އޮބިނޯންނަ ހިސާބަަށް ދިޔައީމާ ޒުވާނުން މައިތިރިކުރުމަށް ރައީސް ރަޖޮލީނާ ނެރުއްވީ ސިފައިންނެވެ. ބޭނުންކުރެެއްވީ ގަދަބާރެވެ.

ގަދަބާރު ބޭނުންކޮށްގެން ޒުވާނުން މައިތިރި ކުރުމަަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ބާވީސް މީހުން މަރުވެ ސަތޭކަޔަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އެންމެ ފުރަތަމަ ސެޕްޓެމްބަރު ފަންސަވީހުގައި ފެށުނު ހަމަނުޖެހުންތަކަަށް ގާތްގަޑަކަށް ދެހަފުތާ ފަހުން ސަރުކާރު ވެއްޓުނީ ސިފައިންގެ ތެރެއިން "ކެޕްސެޓް" ނަމަކަށް ކިޔުނު ޔުނިޓެއްގެ ބަޔަކު ޒުވާނުންނާ ބައިވެރިވެގެން ވެރިކަން އިންގިލާބު ކުރުމުންނެވެ. މިދެންނެވި ޔުނިޓަކީ ސިފައިންގެ ފަންނީ، އިދާރީ އަދި މުހިންމު އެނޫންވެސް ކަންކަމަަށް ޚާއްސަކުރެވިފައިވާ ޔުނިޓެކެވެ. މަޑަގަސްކަރައިގެ އަސްކަރިއްޔާގެ އެންމެ މުހިންމު ޔުނިޓަކީ ފަހަކަަށްއައިސް މި ޔުނިޓެވެ. ރައީސް ރަޖޮލީނާ މީގެ ސޯޅައަހަރު ކުރން 2009 ވަނަ އަހަރު އެންމެފުރަތަމަ ވަގުތީގޮތުން ވެރިކަމަށް ގެނައުމުގައިވެސް އިސް ދައުރެެއް އަދާކުރީ މިޔުނިޓުންނެވެ. އަދި އެންމެފަހުން ޒުވާނުންނާ ބައިވެރިވެގެން އޭނާ ވެރިކަމުން ދުރުކުރީވެސް ހަމަ މިޔުނިޓުންނެވެ. މިއީ މަޑަގަސްކަރައިގެ ވިޔަފާރިވެރިންނާވެސް ގުޅުންބޮޑު މުޅިން ތަފާތު ޔުނިޓެކެވެ.

ރައީސް އަންޑްރީ ނިރީނާ ރަޖޮލީނާއަކީ ނިސްބަތުން ޒުވާން ބޭފުޅެކެވެ. އުމުރަކީ 51 އަހަރެވެ. ސިޔާސީ ކަންކަމަށް ނުކުމެވަޑައިގަތުމުގެ ކުރިން އެއީ މީޑިއާގެ ވިޔަފާރިވެރިއެކެވެ. ނޫސްތަކާއި ރޭޑިޔޯއާއި ޓީވީ ހިންގެވިއެވެ. ވެރިރަށް އެންޓަނަރީވޯގެ މޭޔަރުކަންވެސް ކުރެއްވިއެވެ. އޭނާ ވެރިކަމަަށް ވަޑައިގަތުމުގެ ހަރުފަތަކަށްވީ ވެރިރަށުގެ މޭޔަރުކަމެވެ. އެންމެ ފުރަތަމަ ރައީސްކަމަށް ވަޑައިގަތީ 2009 ވަނައަހަރު ސިފައިން ގެނައި އިންގިލާބަކަށްފަހު މަދަނީ ވަގުތީ ސަރުކާރެއް ހިންގެވުމަށެވެ. ސިފައިން އެދިގެންނެވެ. އެގޮތުން ރައީސްކަމުގައި ހުންނެވީ 2009 ވަނައަހަރުން ފެށިގެން 2014 އަށެވެ. ގާތްގަޑަކަށް ފަސްއަހަރުގެ މެދުކެޑުމަކަށްފަހު އޭނާ އަލުން ރިޔާސަތަށް ވަޑައިގެންނެވީ 2019 ގައެވެ. ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު އަނެއްކާވެސް ދެވަނަ ދައުރެއް ފެއްޓެވީ 2023 ގައެވެ. އޭނާއަކީ ފަރަންސޭސި ރަށްވެހިކަންވެސް އޮންނަ ބޭފުޅެކެވެ. އެހެންވީމާ ފަރަންސޭސިވިލާތާއެކު ބޭއްވެވީ ވަރަށް ގާތް ގުޅުމެކެވެ.

ބާރުގެ ބޭނުންކޮށްގެން ޒުވާނުން މައިތިރި ނުކުރެވި ސިފައިންގެ ތެރެއިން ބަޔަކު މުޒާހަރާގެ ބައިވެރިންނާ ގުޅުނީމާ ދެން ރަޖޮލީނާ އުޅުއްވީ ފަރަންސޭސި ސިފައިން ގެންނަވައިގެން ވެރިކަމުގައި ހުންނެވޭތޯއެވެ. އެކަމަކު ފަރަންސޭސި ސިފައިން ފޮނުއްވާކަށް ރައީސް އެމަނުއެލް މެކްރޯން އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އެކަމަކު ފަރަންސޭސި އަސްކަރީ މަތިންދާބޯޓެއްގައި ރަޖޮލީނާ އާއި އޭނާގެ އާއިލާ ފްރާންސަށް ގެންދަން މެކްރޯން އެއްބަސްވެވަޑައިގެންނެވިއެވެ. އެގޮތުން ރަޖޮލީނާ މިހާރު ހުންނެވީ ފްރާންސްގައެވެ. މީގެކުރިން މަޑަގަސްކަރައިގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުންވެސް ރައްކާތެރިކަން ހޯއްދެވުމަށް ވަޑައިގަންނަވާ ތަނަކީ ފްރާންސެވެ. ކޮންމެއަކަސް ފްރާންސްގެ ރައީސް މެކްރޯން މިފަހަރުގެ އިންގިލާބާ ގުޅިގެން ވިދާޅުވީ ވީހާވެސް އަވަހަށް އާއްމު ހާލަތަކަށް މަޑަގަސްކަރަ އަންނާނެ ކަމަށް ހީކުރައްވާ ކަމަށާއި ފްރާންސް އޮތީ މަޑަގަސްކަރައިގެ ރައްޔިތުންނާއެކު ކަމުގައެވެ.

ސަރުކާރު ވައްޓައިލުމަށްފަހު މިހާރު ވެރިކަމުގެ ބާރުތައް އޮތީ ކުރިން ދެންނެވި ސިފައިންގެ ޔުނިޓުގެ ކޮމާންޑަރު ކާނަލް މައިކަލް ރަންޑްރިއަނިރީނާގެ އަތްޕުޅުމަތީގައެވެ. އޭނާ ވިދާޅުވަނީ ސިފައިންނާއި ފުލުހުންނާއި އާއްމުން ހިމެނޭގޮތަށް ވަގުތީ ސަރުކާރެއް އެކުލަވާލައި އާއްމުންގެ ތެރެއިން ބޮޑުވަޒީރަކު ހަމަޖައްސަވާނޭ ކަމުގައެވެ. މިއީ އިންތިގާލީ މަރުހަލާއެއް ކަމަށާއި އައު އިންތިޚާބެއް ބޭއްވެންދެން މި މަރުހަލާ ދެމިއޮންނާނެކަން ވަނީ އިއުލާން ކުރައްވައިފައެވެ. އިންތިޚާބު ބޭއްވޭނެ ތާރީޚަކާމެދު ވިދާޅުވީ ދެއަހަރުގެ ތެރޭގައި އެކަންކުރަނޭ ކަމުގައެވެ. ކެޕްސެޓް ޔުނިޓަކީ މީގެކުރިންވެސް އަމިއްލަޔަށް ވެރިކަން ކުރަން ބޭނުންނުވެ މަދަނީންގެ އަތްމައްޗަށް ކަންކަން ދޫކޮށްލާފައިވާ ބަޔަކަށްވާތީ އެފްރިކާގެ އެހެނިހެން ގައުމުތަކާ ޚިލާފަށް މިފަހަރުވެސް ވެރިކަމުގައި ދެމިތިބޭނޭކަމަށް ނުބެލެވެއެވެ. އެބުނާ މުއްދަތުގެ ތެރޭގައި މިނިވަން އިންތިޚާބެއް ބާއްވާނެ ކަމަށް ގަބޫލުކުރެވެއެވެ. އެކަން ނުކޮށްފިނަމަ ޖެންޒީ ދެން ނުކުންނާނީ ސިފައިންނާ ދެކޮޅަށްކަން ޔަގީންވާތީއެވެ.