މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީގެ ދައުވަތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގައި މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީއާ ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ މަންސަތަކުގައި ދެ ގައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށް ފުޅާކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެ ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.