ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަަމަށް މީގެ ކުރީން ވިދާޅުވެފައިވާއިރު، އެކަން ކުރައްވަނީ ކޮން އިރަކުންތޯ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުމެން އެ ދިރާސާކުރުމަށްފަހު ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް،" މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވިއެވެ.

ދައުލަތުގެ މަގާމުތަކުގައި ތިބެ، ނުހައްގު މުއްސަނދިކަން ހޯދާ މައްސަލަތަކުގައި ވެރިންނަށް ދައުވާކުރަން ފަސޭހަވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް މިދިޔަ އަހަރު ހުށަހެޅި އިސްލާހުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީގައި ހުއްޓިފައި އޮތީ އެޓާނީ ޖެނެރަލްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ހަގީގަތެއްތޯވެސް މެންބަރު ސުވާލު ކުރެއްވިއެވެ.

އުޝާމް ވިދާޅުވީ އޭނާގެ ބާރެއް، ނުފޫޒެއް ފޯރުވައިގެން މަޖިލީހުގެ ކޮމިޓީގައި އެއްވެސް ބިލެއް ހުއްޓިފައި ނޯންނާނެ ކަމަށެވެ.

"އެހެންވީމ،ާ މި މަޖިލީހަކީ މި ދައުލަތުގެ އެއް ބާރު. މަޖިލީހުން މިނިވަންކަމާއެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،"

ދައުލަތުގެ މަގާމުތަކުގައި ތިބެ، ނުހައްގު މުއްސަނދިކަން ހޯދާ މައްސަލަތަކުގައި ވެރިންނަށް ދައުވާކުރަން ފަސޭހަ ވާނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރުވަނަ ދުވަހުއެވެ.

ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ. އެ ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ 13 ނޮވެމްބަރު 2024 ގައެވެ.