ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ރޯވެ 16 މީހުން މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މިރްޕޫރް ސަރަހައްދުގައި ހުންނަ އެ ފެކްޓްރީއަކީ ހެދުން އުފައްދާ ފެކްޓްރީއެއް ކަމަށާއި އެތަނުގައި ރޯވި ހާދިސާގައި މިހާތަނަށް 16 މީހެއްގެ ހަށިގަނޑު ހޯދިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހަތަރު ފަންގިފިލާއަށް ހަދާފައިހުރި އެ އިމާރާތުގައި އަލިފާން ރޯވުމާއެކު އެތަނުގައި ތިބި ގިނަ މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައިވާކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ. މިހާތަނަށް 16 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު އެއަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ރެސްކިއު ޓީމުތަކުން ބުނެއެވެ.

އިމާރާތުގެ ތެރެއިން ފެނުނު 16 މީހުންގެ ހަށިތައްވެސް ހުރީ މީހުން ވަކި ނުވާވަރަށް އަނދާފައިކަމަށާއި އެމީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަންގްލަދޭޝްގެ ފްކްޓްރީގައި ރޯވި އަލިފާން ތިން ގަޑިއިރު ފަހުން ނިއްވާލާފައިވާކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.