ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީގެ (އެސްއެމްޔޫ) ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފިއެވެ.
ބީއެމްއެލްގެ 20 މުވައްޒަފަކު ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލުކޮށްފައެވެ.
ބީއެމްއެލުން ބުނީ އެސްއެމްޔޫގެ 18 މަސްދުވަހުގެ އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެން ކަމަށެވެ. އެއީ މުވައްޒަފުންނަށް ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި ލީޑާޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް އެ ބޭންކުން ބުންޏެވެ.
އޭގެ އިތުރުން، ބީއެމްއެލްގެ އިތުރު 20 މުވައްޒަފަކު ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލުކޮށްފައެވެ.
އެ ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބީއެމްއެލްގެ އިންސާނީ ވަސީލަތްތަކަކީ އެ ބޭންކުގެ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ.
"އެސްއެމްޔޫއާއެކު ގާއިމުކުރި ޕާޓްނާޝިޕަކީ ބަދަލުވަމުންދާ މާކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑާޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނާޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑާޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އެކަޑަމީއަކީ މި ކުރިއެރުމުގެ މައިގަނޑު އިންޖީނު ކަމަށާއި އެ އެކަޑަމީން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭ ކަމަށެވެ.
މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ އެ މުހިންމު މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށާއި އެގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ލިބިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް