އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިގެންދިޔަކަން މިއަދު ވަނީ އިއުލާންކޮށްފައެވެ. ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފުޅާކުރަން ބޭނުންފުޅުވާ ކަމަށާއި އެގޮތުން މެނިފެސްޓޯގައި ހިމެނޭ ކުރިއޭޓިވް އިކޮނޮމީގެ ތެރެއިން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދުނިޔޭގެ ބާޒާރުގައި ގަނެވިއްކައި ހެދުމުގެ ފުރުސަތުތައް ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

"މިއަދު އެވަނީ ރާއްޖެއަށް ޕޭޕަލް ހިދުމަތް ގެނައުމަށްޓަކައި ޕޭޕަލްގެ ފަރާތުން ގަތަރުގެ އުރީދޫ ފިންޓެކް މެދުވެރިކޮށް މި ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިކަން އިއުލާންކޮށްފައި. އެހެންވީމާ އެ ބޭފުޅުންގެ ފަރާތުން މިކަން ކުރިއަށްދާއިރުގައި އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް މާލަސްތަކެއް ނުވެ، މި އަންނަ އަހަރު ތެރޭގައި ވީހާސް އަވަހަކަށް އެ ހިދުމަތް ޕޭޕަލް ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ އަތްމައްޗަށް ރާއްޖޭގެ އިގުތިސާދު ގެނެސް، ފުރުސަތުތައް ހުޅުވާލަމުންދާ ކަމަށާއި އަންނަ އަހަރަކީ ގައުމީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.