ބިން ހިއްކުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށާއި އޭގެ ތެރެއިން އެއް ޑްރެޖަރު ބޭނުންކުރާނީ ރަސްމާލެ ހިއްކުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް، އެންމެ ފެންވަރު ރަނގަޅު އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏެއް މެދުވެރިކޮށް ޑްރެޖަރު ގެނައުމަށް އެމްއޭސީއެލުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މި މަސް ނިމޭއިރަށް 11،000 ޓަނުގެ ޑްރެޖަރިން މަސައްކަތްކުރާ ޑްރެޖަރެއް ގެނެސް، ތ. ވިލުފުށީ އެއާޕޯޓިގެ ބިން ހިއްކުމުގެ މަސައްކަތަށް ފޮނުވާނެ ކަމަށާއި އެއަށްފަހު އަންނަ މަހުގެ ތެރޭގައި 45،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި އަންނަ މަހުގެ މެދަކާ ހިސާބުން، 15 ހިސާބުގައި ނޫނިއްޔާ، ތިންވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ޑްރެޖަރެއް، ހޮޕާ ޑްރެޖަރެއް އަންނާނެ. އެ ޑްރެޖަރު އައިސް، އެ ޑްރެޖަރުން މަސައްކަތް ފަށާނެ ރަސްމާލޭގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އަންނަ ތިންވަނަ ޑްރޭޖަރު ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގައި އަންނާނެ ކަމަށާއި އެއީ ވެސް 45،000 ޓަނުގެ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން ހއ. އަތޮޅުގެ މަސައްކަތްކޮށް، ށ. އަތޮޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު މާލެ އަތޮޅުގައި ދެން ހިމެނޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު އަދި އުތުރުތިލަފަޅު ހިއްކުމަށް ވެސް އެމްއޭސީއެލުން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށާއި އެ ކުންފުނިން ވެސް މި މަސް ނިމޭ ހިސާބުން ފެށިގެން ޑްރެޖަރުތައް ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު