ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތްތައް ނިންމައި، 30 މަސްދުވަހުގެ ތެރޭގައި އެ އެއާޕޯޓު ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫގައި އެއާޕޯޓު ހެދުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށް، ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ފެށި މަސައްކަތުގެ ދަށުން 48.8 ހެކްޓަރު ބިން ހިއްކިގެންދާނެ ކަމަށާއި މިއަދު ފެށި ބަންޑްވޯލް ޖެހުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އެ މަސައްކަތަށްފަހު ދެން ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމަންޑޫ އެއާޕޯޓު ތަރައްގީކުރުމާއި އެއާޕޯޓު އޮޕަރޭޓުކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްއޭސީއެލުން ކަމަށާއި އެ މަސައްކަތަށް ހަރަދުކުރާނީ ވެސް އެ ކުންފުނިން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ހިއްކަންޖެހޭ 48 ހެކްޓަރު ބިމާ އެއްކޮށް، ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން އަށް މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ. އަދި ހަމަ މިއަދުން ފެށިގެން ގިނަވެގެން 30 މަސް، އެއީ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓު ނިންމައި އިރާދަކުރެވިއްޔާ ހުޅުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް މަޑުޖެހުމެއްނެތި އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށާއި މާލެ ސަރަހައްދާއި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންކުރުމަށް އިތުރު ތިން ޑްރެޖަރު ދާދި އަވަހަށް ގެނެވެނެ ކަމަށެވެ.
އިއްޔެ ވަނީ ށ. ބިލެތްފަހީގެ އެއާޕޯޓުގެ މަސައްކަތް ވެސް އެމްއޭސީއެލްއާ ހަވާލުކޮށް، ބިން ހިއްކުމުގެ މަސައްކަތް ފަށައިފައެވެ. އަދި މާދަމާ ށ. މިލަންދޫ އެއާޕޯޓުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު