ނޮބެލް އިނާމުގެ މައްސަލައިގައި ނޯވޭގައި ވެނެޒުއޭލާގެ އެމްބަސީ ބަންދުކޮށްފިއެވެ.

ވެނެޒުއޭލާގެ ސަރުކާރުން ނޯވޭގެ އޮސްލޯގައި ހުންނަ އެ ގައުމުގެ އެމްބަސީ ބަންދުކުރުމަށް ނިންމާފައި ވަނީ އެ ގައުމުގެ ފޮރިން ސާވިސް ރީސްޓަރްކްޗަރ ކުރުމަށް ކަމަށް ބުނެއެވެ.

ނޯވޭގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އޮސްލޯގައި ހުންނަ އެމްބަސީ ބަންދުކުރަން ނިންމާފައިވާކަމަށާއި އެކަމުގެ އިތުރު ތަފުސީލު ފަހުން ދޭނެކަމަށް ރިޕޯޓުކޮށްފައެވެ.

ނޯވޭގައި ހުންނަ ވެނެޒުއެލާގެ އެމްބަސީ ބަންދުކުރުމަށް ނިންމާފައި ވާއިރު ނޯވޭއިން މިދިޔަ ހުކުރު ދުވަހު ވަނީ އެ ގައުމުން ކޮންމެ އަހަރަކުދޭ ނޮބެލް ޕީސް ޕްރައިޒް ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޯނިއާ މަޗާޑޯއަށް ދޭން ނިންމައިފައެވެ.

ބައެެއް ރިޕޯޓުތަކުން ބުނާގޮތުން ވެނެޒުއޭލާގެ އެމްބަސީ ބަންދުކުރަން ނިންމާފައިވަނީ ނޯވޭއިން މާރިއާއަށް ދިން ނޮބެލް އެވޯޑުގެ މައްސަލައިގައެވެ.

ނޯވޭގެ ސަރުކާރުގެ ތަރުޖަމާނު ވަނީ އެ ގައުމުން ކޮންމެ ގައުމަކާއެކުވެސް އޮންނަ ޑިޕްލޮމެޓިކް ގުޅުން އަބަދުވެސް އޮންނާނެ ކަމަށާއި ވެނެޒުއެލާއާ އެކުވެސް އެ ގުޅުން އޮންނާނެ ކަމަށް ފާހަގަކޮށްފައެވެ.