ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް އިތުރުކުރާ ވަރަކަށް ޓޫރިޒަމް ދާއިރާއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމަށް ހާއްސަ ލުއިތަކެއްދޭ އަތޮޅުތަކުގެ ތެރޭގައި ށ. އަތޮޅު ހިމެނޭ ކަމަށާއި އެ އަތޮޅުގެ ފަޅުތަކުގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލި ބިޑު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
"އިންވެސްޓަރުންނަށް އެބަ މައުލޫމާތުތައް ސާފުކޮށް ބިޑު ހުށަހެޅުމަށްޓަކައި ޝައުގުވެރިކަން ފާޅުކުރޭ. އެހެންވީމާ އޭގެ ތެރެއިން އުންމީދުކުރަން އަޅުގަނޑު މާދަމާއަށް ވާންވާއިރަށް، މި ޑެޑްލައިންގެ ތެރޭގައި ބައެއް ފަރާތްތަކުން ހުށަހަޅާނެ ކަމަށް ބިޑު. ހުށަހެޅީމަ ދެން އޮންނަ އުސޫލުން ބަލާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރު ރިސޯޓުތައް ށ. އަތޮޅަށް އައުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް ކަމަށާއި މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތައް، ހާއްސަކޮށް އެއާޕޯޓުތައް އެޅިގެންދާތަން ފެނިގެން ދިއުމަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން އަންނާނެ ކަންކަން ކަމަށެވެ.
"ހަގީގަތުގައި ވަރަށް ދަތުރުފަތުރުކުރުމަށް އުނދަގޫ ގޮތަކަށް މި އަތޮޅުގެ ތެރޭގައި މި އޮންނަނީ. އެހެންވީމާ ޝައުގުވެރިކަން އިންވެސްޓަރުންގެ ކުޑަ. އެހެންވީމާ މި އެއާޕޯޓުތައް ބޭނުންވަނީ، ރައްޔިތުންނަށް ވެސް އޭގެ ފައިދާތައް ވާނެ. އެގޮތުން އެކަންކަން އެކަން ކުރިއަށް ގެންދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމަންޑޫގައި އެއާޕޯޓު ހެދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށް، ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
ރައީސް ވިދާޅުވީ ހުރިހާ މަސައްކަތެއް ނިންމައި، 30 މަސް ދުވަހުގެ ތެރޭގައި ކޮމަންޑޫ އެއާޕޯޓު ހުޅުވާނެ ކަމަށާއި އެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު