މުޒާހަރާތައް ވަރުގަދަވެ މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކުރައްވައި ފިއްލަވައިފިއެވެ.

މަޑަގަސްކަރައިގެ ޖެންޒީއިން އިސްނަގައިގެން ފެށި މުޒާހަރާތައް ފުޅާވެ، ވަރުގަދަވެ، އެކަމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕްރެޝަރުތައް އަންނާން ފެށިތާ ގިނަދުވަސްތަކެއް ނުވެ އެ ގައުމުގެ މިލިޓަރީގެ ޔުނިޓަކުން ވަނީ މުޒާހަރާތަކުގައި ބައިވެރިވާން ފަށައިފައެވެ.

މަޑަގަސްކަރައިގެ މުޒާހަރާތައް ވަރުގަދަވެ ހޫނުވާން ފަށައި އެ ގައުމުގެ ސަރުކާރު ބަގާވާތަކުން ވައްޓާލަން މަސައްްކަތް ފަށާފައިވާކަމަށް ބުނެ ރައީސް އެންޑްރޭ ރަޖޯލީނާ ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.

ރައީސް ގައުމު ދޫކުރައްވާފައިވީ ނަމަވެސް ރައީސް ވަޑައިގަތީ ކޮން ގައުމަކަށް ކަމެއް އޮފިޝަލުން އަދި ބުނެފައެއް ނުވެއެވެ.

މަޑަގަސްކަރައިގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކުގައި މިލިޓަރީން ބައިވެރިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިލިޓަރީން މުޒާހަރާގައި ބައިވެރިވުމަށްފަހު ވަނީ ރައީސާއި ސަރުކާރުގެ އިސް ބައެއް ފަރާތްތައް އިސްތިއުފާ ދިނުމަށް ގޮވާލައި ޑިމާންޑުތައް ކޮށްފައެވެ.

މަޑަގަސްކަރައިގެ ސަރުކާރުގެ އިސްފަރާތްތަކުން ކޮރަޕްޝަން ހިންގާކަމަށާއި އާންމު ޒަރޫރީ ކަންކަމުގެ އަގު ބޮޑުވެ ގައުމު އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ބުނެ އެ ގައުމުގެ ޒުވާނުން އިސްނަގައިގެން ފެށި މުޒާހަރާތައް ވޭތުވެދިޔަ ތިން ހަފުތާގައި ވަނީ އިތުރަށް ހޫނުވެ ސަރުކާރަށް ބޮޑެތި ޕްރެޝަރުތައް ކުރަން ފަށާފައެވެ.