ށ. ގޮއިދޫގެ ސްކޫލުގެ ކްލާސްރޫމްތަކުގެ މަސައްކަތް ދެން އަންނަ ދިރާސީ އަހަރެއް ފެށެންވާއިރަށް ނިންމައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރަށުގެ ސްކޫލު މަޝްރޫއު ވަނީ ހުއްޓިފައި ކަމަށާއި މަޝްރޫއު ކުރިއަށް ނުގެންދެވުމުން އެއްބަސްބުން ބާތިލުކޮށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއަށް ބޭނުންވާ ތަކެތި ހަފުތާއެއްގެ ތެރޭގައި ރަށަށް ގެނެވޭނެކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށާއި ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މަސައްކަތް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އާ ދިރާސީ އަހަރަށް، މިއަންނަ އަހަރަށް ކިޔެވުން ފެށެންވާއިރަށް މިތަން ނިންމައި ހަވާލުކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަކީ ރަށުގެ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށްވުމުން، ދެ ބުރީގެ އިމާރާތަކާއި ޖުމުލަ 20 އެނދު ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ބަޔަކާ ހަވާލުކޮށް، މިއަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން ފުޓްބޯޅަ ދަނޑު ހެދުމާއި ވޮލީ ކޯޓެއްގެ އިތުރުން ހޭންޑްބޯޅަ ކޯޓެއް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މަދިރި ގިނަވާ މައްސަލައަށްވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކޮށް ހައްލު ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރެދިނުން ކަމަށާއި އެނޫން އެއްވެސް ވިސްނުމެއް ސަރުކާރާއި ސަރުކާރު ބޭފުޅުންގެ ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަނީވެސް މުހިންމު ކަންކަމުގެ ރައްޔިތުންނާ މަޝްވަރާކޮށް، ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ހިޔާލުތައް ހުރި ގޮތް ދެނެގަތުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު