ޑްރަގް ޓްރެފިކް ކުރުމާއި ބޭނުންކުމުގެ ދައުވާ އުފުލާފައިވާ މީހަކު ދޫކޮށްލަން ކުރި އަމުރު ބާތިލުކުރަން ހައިކޯޓުން އަންގައިފިއެވެ.

މި މައްސަލައިގައި ހއ.ކެލާ / ވައިޓްސިގްނަލް އާދަމް ޝަރޫފްގެ މައްޗަށް ދައުވާ ކުރީ، ސ. މަރަދޫފޭދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، އޭނާ ކުއްޔަށް ހިފާފައިވާ، އެރަށު ވައިޓްވިއުގެ ފުލުހުން ބަލައިފާސްކުރިއިރު އެ ގެއިން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

މި މައްސަލައާ ގުޅިގެން، އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އޭނާ ބަންދު ކޮށް، ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަކަށް އާކުރިއެވެ. އެއަށްފަހު އޭނާ ބަންދުން ދޫކޮށްލަން މިދިޔަ ސެޕްޓެމްބަރު މަހު މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ.

އެކަމާގުޅިގެން އެ އަމުރަކީ ގާނޫނާހިލާފު އަމުރެއް ކަމަށް ކަޑައަޅައި ވީ އެންމެ އަވަހަކަށް އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މައްސަަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ނިންމީ، އައްޑޫސިޓީ މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓުއަމުރަކީ ބާތިލު އަމުރެއް ކަަމަށް ކަނޑައަޅާ ކަަމަށެވެ. އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެދި ދައުލަތުން ހުށަހަޅައިފިނަމަ ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް އަލުން ކަނޑައަޅަން ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.