ރައްޔިތުންގެ ކަންބޮޑުވުމެއް ނޯންނާހެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކަނޑިތީމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނުވަނީ ރިޔާސީ އިންތިހާބުގައި ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަން ކަމަށެވެ.

"މިއިން ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ބާރު ސްޕީޑުގަ ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމަދޭނަން. މިކަންކަން އަޅުގަނޑުމެން މިފަށަނީ އެކަންކަމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިގެން އެކަން ކުރެވޭނެ ގޮތާއި ކުރިއަށްދާނެ މަގާ ހުރިހާ ކަމެއް ވަސީލަތްތަކާ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެއްވެސް ކަންބޮޑުވުމެއް ތިބޭފުޅުންނަކަށް މީގެ ސަބަބުން ކުރިމަތިވިޔަކަ އަޅުގަނޑު ނުދޭނަން" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި މިނިސްޓްރީތަކުންނާއި ސަރުކާރު ކުންފުނިތަކުން ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކަނޑިތީމުގެ ސްކޫލުގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ކަނޑިތީމުގެ ސިއްހީ މަރުކަޒު އިމާރަތް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކޮށް، އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ކަމަށެވެ. އާ އެއްބަސްވުމުގެ ދަށުން ދެ ބުރިއަށް ސިއްހީ މަރުކަޒު އިމާރާތް ކުރާނެ ކަމަށާއި އެތަނުގައި 20 އެނދު ހުންނާނެ ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްބޯޅަ ދަނޑުގެ ވަށައިފާރު ރާނައި، ފެންސު ޖަހައި، ލައިޓް ހަރުކޮށް އަދި ޗޭންޖިން ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.