ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާތަކުގައި އަޅުއްވަން ޖެހޭ ރަސްމީ ހެދުމަކީ ކޮބައިކަން ކަނޑައަޅައި އެއާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަވާއިދުގައި އެ އުސޫލު ހިމެނުމަށް ޓަކައި އާއްމު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ މެންބަރުން ހެދުން އަޅަންވީ ގޮތް މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގައި ހިމެނުމަށެވެ.

މަޖިލިސް ރައީސް މި ބަދަލު ގެންނަން ހުށަހެޅުއްވީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން ހާޒިރު ނުކުރާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ޓައީ އެޅުން ހުއްޓާލުމާ ގުޅިގެންނެވެ.

އެ އިސްލާހު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން މަޖިލީހުން ގެނައި އިތުރު އިސްލާހުތަކާއެކު މިއަދު ވަނީ މަޖިލިސް ގަވާއިދުގައި އެކަންތައް ހިމަނަން ފާސްކޮށްފައެވެ.

މި އުސޫލުގައި ރަސްމީހެދުން ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހި ރާއްޖޭގައި ރަސްމީ ހެދުމުގެ ގޮތުގައި ބޭނުންކުރާ އަންނަނިވި ހެދުމުން ކުރެ ހެދުމެއް ކަމަށެވެ.

އެއީ:

  • ކޯޓު ފަޓުލޫނާއި ޓައީ
  • ގަމީހާއި ޓައީ އާއި ފަޓްލޫނު
  • ގައުމީހެދުން
  • އަންހެން މެންބަރެއް ނަމަ ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުން

މީގެ އިތުރުން މަޖިލިސް މެންބަރުން ހުވައިކުރުމުގެ ރަސްމިއްޔާތާއި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ، މަޖިލީހުގެ ޖަލްސާ ތަކާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވައިކުރުގެ ރަސްމިއްޔާތުގެ މަޖިލިސް ޖަލްސާގައި، ފިރިހެން މެންބަރުން ތިބޭނީ ކޯޓު ފަޓުލޫނާއި ޓައީ، ނުވަތަ ގައުމީ ހެދުމުގައި ކަމަށާއި، އަންހެން މެންބަރުން ތިބޭނީ، ކޯޓު ނުވަތަ ކޯޓު ފަޓުލޫނު ނުވަތަ ގައުމީ ހެދުމުގައި ކަމަށްވެސް ވަނީ ހިމަނައިފައެވެ.

މަޖިލީހަށް އައުން ހުއްދަ ނޫން ހެދުން ވެސް މި އުސޫލުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ހަންގަނޑު ފާޅުވާ ފަދަ ތުނިހެދުމާއި ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރުބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުމެވެ. އަދި އެއްވެސް ބާވަތެއްގެ ޖިންސެއް، ގިނަ ޖީބު ލާފައި ހުންނަ ދިގު އަދި ކުރު ހަރުވާޅު، ޓީޝާޓު ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން ވެސް ހިމެނެއެވެ. އަދި ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒް ވެސް އޭގެ ތެރޭގައި ހިމަނާފައިވެއެވެ.

މެންބަރުންގެ އިތުރުން މަޖިލީހަށް ވަދެ ތިބޭ އެހެން ފަރާތްތަކުން ވެސް އަމަލުކުރަން ވާނީ މި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއުސޫލާ ހިލާފްުވާ މެންބަރުންނަށް މަޖިލިސް ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަަޅު އެޅޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެ މާއްދާގެ ދަށުން އެޅޭނެ ފިޔަވަޅުތައް:

  • އަމަލު ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.
  • މެންބަރު އެކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާންކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން.
  • ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުމުން މަހްރޫމްކުރުން.
  • މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން.

މި އިސްލާހު މަޖިލިސް ގަވާއިދަށް ގެންނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވެސް މެންބަރަކު އެއާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ.