ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭހެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހު) އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވައިގެ ބާރުމިން އުޅޭނީ 15 މޭލާއި 25 މޭލާ ދެމެދުގައި ކަމަށެވެ. އެގޮތުން މެދު ރާއްޖެ އާއި ދެކުނަށް އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނު ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އެހެން އަތޮޅުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.