ފާއިތުވި ދެ އަހަރުތެރޭ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އައްޑޫ ހުޅުދޫ ޑަކްޕާކުގެ ދިރުންތައް މަރުވާ މައްސަލައިގައި، ފެންގަނޑަށް ވިހައެއް އަޅާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަަމަށް ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒުއްރަހްމާން ވިދާޅުވެއްޖެއެވެ.

އައްޑޫ ހުޅުދޫ ކައުންސިލަރު މިއަދު "ވަން"އަށް ވިދާޅުވީ އެ ޑަކްޕާކުގެ ދިރުންތައް މަރުވެދާތީ އެއީ ވަކި ސަބަބަކާހުރެ ވީ ކަމެއް ކަމަށް ބުނަން ދަތި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ސާވިސްގެ ފޮރެންސިކް ޓީމުން އެތަނުގެ ދިރުންތައް މަރުވާ ސަބަބު ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

"ސީދާ މިވެނި ސަބަބެކޭ އެސްޓެބްލިޝްކުރަން ދަތި. ދެން މިހާރުވާނީ ފުލުހަށް މައްސަލަ ހުށަހަޅާފައި. ގަބޫލުކުރެވެނީ ކޮންމެވެސް އެއްޗެއް އެތަނަށް އަޅައިގެން އެކަހަލަ ކަމެއް ދިމާވެގެން އުޅޭކަމަށް. ހަމައެކަނި އަސްދޫނިތަކެއް ނޫން، ބައެއް ކަހަލަ މަސްތަކާ ދިރުންތައް ވެސް،" ފައިޒުއްރަހްމާން ވިދާޅުވިއެވެ.

10 އޮކްޓޯބަރު 2025: އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެފައި.-- ފޮޓޯ/ ޖަމްބެ ސަންރައިސް، ފޭސްބުކް

ގާތްގަނޑަކަށް 800 އަކަފޫޓުގެ ސަރަހައްދަކީ ގުދުތަރުން އުފެދިފައި އޮތް ހުޅުދޫގެ އެންމެ މަގުބޫލު އެއް ސަރަހައްދެވެ. ހުޅުދޫ ޑަކްޕާކުގެ ފެންގަނޑު ބަލައިލުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ކަމަށް ފައިޒުއްރަހްމާން ފާހަގަކުރެއްވިއެވެ.

"އެވްރެޖުކޮށް ވީކްޑޭސްތަކުގައި 50 އާއި 100 ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރޭ. ވީކެންޑުތަކުގައި ރަށުން ބޭރުން މީހުން މިހާރު ހުޅުމީދުއަށް ޒިޔާރްތަކުރާތީ ކޮންމެ ދުވަހަކުވެސް 100 ވަރަަކަށް، 50 ވަރަކަށް މީހުން އެތަނަށް ވިޒިޓްކުރާނެ. ރޭގަނޑު އެތަނަށް ބޮކި ފަދަ ތަކެތި ލާފައި ހުންނާތީ ދޫނިތަކަށްވެސް ރެސްޓް ދިނުމަށް ވަގުތު ދިނުމުގެ ގޮތުން، ރޭގަނޑުގެ ވަކި ވަގުތެއްގައި އެތަން ނިއްވާލާނަން، ހަވީރު ގަޑީގައާއި އިރުއޮއްސޭގަޑީގައި. ދަންވަރު ނިއްވާލާފައި އޮންނާނީ،" އޭނާ ވިދާޅުވިއެވެ.

ފައިޒުއްރަހްމާން ވިދާޅުވީ އެ ފެންގަނޑުގައި ގެންގުޅުން އަށް ވަރަކަށް އަސްދޫނީގެ ތެރެއިން މިހާރު ހަތް އަސްދޫނި މަރުވެފައިވާ ކަމަށާއި ފަހުން ބާކީ އިން އަސްދޫނީގެ އުންމީދުވެސް ކަނޑާލާފައިވާ ކަމަށެވެ.

އެ ފެންގަނޑުގައި އަސްދޫނީގެ އިތުރުން، ގެންގުޅޭ މަސްމަހާމެހީގެ ތެރޭގައި ހިމެނޭ ކާބް، ބޭންގު، މިލްކް ފިޝްގެ ބާވަތްތައްވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށާއި އޭގެ އިތުރުންވެސް އެތަނަށް ޒިޔާރްތަކުރާ ބައެއްކަހަލަ ރާބޮނދި ކަހަލަ އެއްޗެހިވެސް ފެންގަނޑުތެރޭ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

10 އޮކްޓޯބަރު 2025: އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެފައި.-- ފޮޓޯ/ ޖަމްބެ ސަންރައިސް، ފޭސްބުކް

އެކަން ބޮޑަށް ފާހަގަވީ އިއްޔެ ކަމަށާއި އެތަން ބެލެހެއްޓުމުގެ މަސައްކަތްކުރަނީ ރަށުގައި ވޮލެންޓިއާކޮށް މަސައްކަތްކުރާ ބަޔަކު ކަމަށް ފައިޒުއްރަހްމާން ވިދާޅުވިއެވެ.

"ކަމަކީ އޭގެ ޒާތުގައި ވަރަށް ބޮޑަށް ވޮލަންޓިއަރުން މަސައްކަތްކުރާ ތަނެއް، ކައުންސިލުން އެހީތެރިކަން ދިނެއް ކަމަކު، ބޮޑަށް މަަސައްކަތަކަކީ ރައްޔިތުންގެ ޝައުގުވެރިކަމުން ރައްޔިތުންގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ. ގޭގޭގައި ކައްކައިގެން ގޮސް ކާން އެބަދޭ. ގްރޫޕެއް ހަދާފައި އެބައޮވޭ، މިތަން ބަލަހައްޓަންވެގެން. އެ މީހުން މުޅިތަން މެނޭޖުކޮށްފައި ބަލަހައްޓަނީ. ކޮންމެ ދުވަހަކުވެސް އަސްދޫނިތަކަށާއި މަހަށް ކާންދީ ހަދާ،" ފައިޒުއްރަހްމާން ވިދާޅުވިއެވެ.

ބައެއް އަމިއްލަ ފަރާތްތަކުން އެތަނުގައި އަމިއްލަ ގުރާ ގެންގުޅޭތީއާއެކު އެތަނަށް ކުޑަކުދިންނާއި ބޮޑެތި މީހުން ވަންނަން ވަކި ސަރަހައްދެއްގައި ފެންސް ޖަހާފައި ހުންނާނެ ކަމަށްވެސް ހުޅުދޫ ކައުންސިލަރު ވިދާޅުވިއެވެ.

10 އޮކްޓޯބަރު 2025: އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެފައި.-- ފޮޓޯ/ ޖަމްބެ ސަންރައިސް، ފޭސްބުކް

"ޒިޔާރަތް ކުރިޔަސްވެސް ފެންގަނޑަށް އެކްސެސްއެއް ނުވެވޭނެ. ކުޑަކުދިންނަށްވެސް ބޮޑެތި މީހުންނަށްވެސް. އެތަން އިންނާނީ ފެންސްޖަހާފައި، އެތަނަކަށް އެކްސެސްވާނެ އިތުރު ގޮތެއް ނޯންނާނެ. އަސްދޫނިތަކަށް ކާންދޭ މީހުންނަށްވެސް، އެންމެންނަކަށް ނުވަދެވޭނެ. ފެންސް ކޮށްފައި އިންނަ ސަރަހައްދަކުން އެކަނި އެތަނަށް އެކްސެސްވެވޭނީ،" ފައިޒުއްރަހުމާނު ވިދާޅުވިއެވެ.

ފައިޒުއްރަހުމާނު އިތުރަށް ވިދާޅުވީ މި ދުވަސްވަރު އެތަނުގެ ދިރުންތައް މަރުވެފައިވީ ނަމަވެސް، އެތަނަކީ މީހުން ޒިޔާރަތްކުރަން ނުވަތަ އެތަނަށް ގޮސް އުޅެން ރައްކާތެރި ނޫން ތަނެއް ކަމަށް ބުނަން އަދި ދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުދޫ ޑަކްޕާކުގެ ދިރުންތައް މަރުވާ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.