އުމުރުން 40 އަހަރުގެ ލެބްރޯން ޖޭމްސްއަށް ނާރުގެ ސީރިއަސް ބައްޔެއް ޖެހިގެން، ސީޒަނުގެ ފުރަތަމަ ބައި ގެއްލޭނެކަން ޔަގީންވެއްޖެއެވެ.

އެމެރިކާގެ ބާސްކެޓް ލީގު، އެންބީއޭގެ 23 ސީޒަނެއްގައި ކުޅުމުގެ ޝަރަފު ހޯދުމަށް މަސައްކަތް ކުރަމުންދާ ޖޭމްސްއަށް ދިމާވެފައިވާ ނާރުގެ ބައްޔަކީ ސައިއަޓިކާ ނަމަކަށް ކިޔާ ބައްޔެކެވެ. އެ ބަލީގެ ސަބަބުން އޭނާގެ ކަނާތު ފައިގެ ނާރުތަކުގައި ރިއްސުމުގެ އިތުރުން އެ ފަޅީގެ މަސްތަކަށް މައްސަލަތައް ދިމާވެފައިވެއެވެ. އޭގެ އިތުރުން ބުރަކަށީގެ މައްސަލަވެސް އެ ބަލީގެ ސަބަބުން ދިމާވެއެވެ.

ޖޭމްސް، މި ސީޒަނުގެ ކުރިން ރިޓަޔާވުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ. އެހެން ނަމަވެސް އެއްބަސްވުން މި ސީޒަނަށް އާކޮށް، އޭނާ މަސައްކަތް ކުރީ ރެކޯޑު 23 ވަނަ ސީޒަނަކަށް ނުކުންނާށެވެ. މިދިޔަ 22 ސީޒަނުގައިވެސް އޭނާ ވަނީ ފުރިހަމަ ފެށުމަކުން ފަށައިފައެވެ.

އެ ރެކޯޑު ދަމަހައްޓަން މިފަހަރުގެ ސީޒަން ފަށަން ޖޭމްސް މަސައްކަތް ކުރި ނަމަވެސް، ޕްރި ސީޒަނުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. ޕްރި ސީޒަނުގެ އިތުރުން ލޭކާސްއިން އޮކްޓޫބަރު މަހު ކުޅެން ހަމަޖެހިފައިވާ ފަސް މެޗުވެސް އޭނާއަށް ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ. އޭގެ އިތުރުން މިދިޔަ ސީޒަނުގައި އޭނާ ވަނީ އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑުވެސް މުގުރާލައިފައެވެ.

ޖޭމްސް މިހާތަނަށް ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ހޯދާފައިވާ އިރު، އަނެއްކާވެސް އިތުރު ސީޒަނެއްގައި ކުޅުމަށް އޭނާ ނިންމީ އާއިލާއާ މަޝްވަރާ ކުރުމަށްފަހުއެވެ.

ޖޭމްސްއަކީ 21 ފަހަރު އޯލް ސްޓާ ޓީމުގައި ހިމެނި، ހަތަރު ފަހަރަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ އެމްބީއޭއަށް ނުކުތީ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 2003 ވަނަ އަހަރު ކްލެވެލޭންޑް ކަވަލިއާސްއާ އެކުގައެވެ.