އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ދެމުންގެންދާ ހަމަލާތައް ހުއްޓާލިޔަސް، އިޒްރޭލުން ގާޒާގައި ހިންގި ގަތުލްއާންމަށް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރާއްޖޭން ބުނެފިއެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުށަހަޅުއްވާފައިވާ ޕީސް ޕްލޭނަށް އެއްބަސްވެ އަމަލުކުރަން ވަނީ ފަށައިފައެވެ.

އެކަމާ ގުޅިގެން ރާއްޖޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި ހަމާސް އިން އެ ޕެލޭނަށް އެއްބަސްވުމުން އެކަމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.

ބަޔާނުގައި ބުނީ އެ އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށެވެ. އަދި އެއީ އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއް ކަމަށެވެ.

"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަން ރާއްޖޭން ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. ނަމަވެސް މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.