ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާންކުރައްވާފައިވަނީ، މިއަދު ޝާއިއުކުރެއްވި، ނަންބަރު 2025/30 ގަރާރުންނެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފައްދަވާފައިވަނީ، ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގުސަދުގައެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑުގެ ނަމަށް ބަދަލުކުރައްވަން ރައީސް ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައެވެ.

އަދި ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސްގެ ގަރާރުގައި ވަނީ ބަޔާންކުރައްވައިފައެވެ.