ލޯނު ސްކީމުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކު އަނބުރާ ފައިސާ ދެއްކުމުގެ މައްޗަށް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން މިހާރު ވަނީ، ހިޔާވެހި ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓުތައް އެޕްރޫވްކުރުމުގެ މަސައްކަތް ފަށައިފައެވެ. ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސަންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެ ސްކީމަކީ ހިލޭ އެހީގެ ސްކީމެއް ނޫން ކަމަށާއި އެއީ ލޯނު ސްކީމެއްކަމުން، ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ލޯނު އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"ހިޔާވެހި ސްކީމްއާއި އަދި މުސްތަގުބަލުގައި ހިންގާ މިފަދަ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ ފަރާތްތަކުން އެމީހުންގެ މާލީ ޒިންމާ އަދާނުކޮށްފި ނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އޭގެ އިތުރުން، ފައިސާ ދެއްކުމުގެ ޕާފޯމަންސް ދަށްވެއްޖެ ނަމަ، މުސްތަގުބަލުގައި އެފަދަ ސްކީމްތައް ކުޑަ ރޭޓުތަކުގައި ލުއި ޝަރުތުތަކާއެކު ނުހިންގި ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެނީ ބޭންކިންގެ ނިޒާމު ހިނގާގޮތުން ބޭންކުތަކުން ދޫކުރާ ފައިނޭންސިންގެ ރޭޓްތަކާއި ޝަރުތައް ކަނޑައެޅިގެންދަނީ ބޭންކަން އޮންނަ ރިސްކްގެ ކުޑަބޮޑުމިނަށް ބަލާފައިކަމަށްވާތީ. އެހެންކަމުން މިފަދަ ރަނގަޅު މަޝްރޫއުތައް ދެމެހެއްޓުމުގައި ފައިނޭންސް ލިބޭ ފަރާތްތަކުގެ މުހިންމު ޒިންމާއެއްވެސް އެބައޮތް. ކަސްޓަމަރުންނަށް ބޭންކުން ދޫކުރެވޭ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުމުން، މިފަދަ އިތުރު މަޝްރޫޢުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެހީތެރިވުމުގެ ފުރުސަތު ބޭންކަށް ފަހިވޭ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން ކަމަށާއި އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިން ލިބިދިނުމަށާއި މުސްތަގުބަލުގައިވެސް އެ ނިޒާމު ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ހިޔާވެހި ފައިންނޭންސިން ސްކީމުގެ ދަށުން:

  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
  • އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސަންޓު ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
  • އިމާރަތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވޭ