ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓުތައް އެޕްރޫވްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސަންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

ހިޔާވެހި ފައިންނޭންސިން ސްކީމުގެ ދަށުން:

  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
  • އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސަންޓު ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
  • އިމާރަތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވޭ

ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލުން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގުތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ބޭންކެއް،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން މިހާރުވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުން ކަމަށެވެ. ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން https://gedhoruverin.gov.mv/ މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި އިފްތިތާހުކުރި އެ ސްކީމު އުސޫލުތައް ގެޒެޓްކޮށް ނޮވެމްބަރު 8 ގައި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލިއެވެ. މިދިޔަ މެއި މަހުގެ 30 ގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، އެ ސްކީމަށް ޖުމުލަ 2256 ފޯމު ވަނީ ހުށަހަޅައިފައެވެ. އެއީ ރަށްވެހި 1326 ފޯމު، ސަހަރް 586 ފޯމް އަދި ފަހިމާލެ 341 ފޯމެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްތަކުގެ ތަފުސީލު:

ފަހިމާލެ ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ހަ މިލިއަން ރުފިޔާ. ނަމަވެސް، ކުދި ބިންކޮޅުތައް އެއްކޮށްގެން ބިން ތަރައްގީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، މިގޮތަށް ހުށަހަޅާ ފަރާތްތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދެވޭނެ. ކުދި ބިންކޮޅުތައް އެއްކުރާނަމަ އެއްކުރެވޭނީ، 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅުތައް.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަޑް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި އާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.
  • އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ސަހަރު ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ތިން މިލިއަން ރުފިޔާ.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.
  • އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ރަށްވެހި ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަން ނުޖެހޭ.