ސެޕްޓެންބަރުގެ ނިޔަލަށް ނުކުޅެދުންތެރިކަމުގެ ދަފުތަރުގެ ރަޖިސްޓްރީގައި 14،790 ފަރާތް ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އިއްޔެ އާންމުކުރި މި އަހަރު އެންސްޕާގެ ރަޖިސްޓްރީގައި ތިބި ކުޅުދުންތެރިކަމުގެ ފަރާތްތަކުގެ ލިސްޓްގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިން (ހަށިގަނޑުން ގުނަވަނެއް މަދު މީހުން) ގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ފާރާތްތަކުގެ ގޮތުގައި 4198 ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ އަންހެން 1864 އަދި ފިރިހެން 2334 ފަރާތެކެވެ.
މަލްޓިޕަލް ޑިސްއެބިލިޓީގެ ދަށުން ރަޖިސްޓްރީކޮށްފައިވަނީ ޖުމުލަ 3332 ފަރާތެކެވެ. އެއީ ފިރިހެން 2144 އަދި އަންހެން 1188 އެވެ. ވިސްނުމުގެ ނުވަތަ ސިނކުޑީގެ ނުކުޅެދުންތެރިކަން ހުރި 1879 ފަރާތެއް ރަޖިސްޓްރީގައިވެއެވެ. އެއީ 1067 ފިރިހެނުންނާއި 812 އަންހެނުންނެވެ.
ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1959 ފަރާތް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ އިރު، އޭގެތެރެއިން ގިނައީ ފިރިހެނުންނެވެ. އެއީ 1180 އެވެ. އަންހެން 779 ފަރާތެއް ހިމެނެއެެވެ.
އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމުލަ 1765 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 832 ފިރިހެން އަދި 933 އަންހެނުން ކަމަށް އެންސްޕާއިން ބުންޏެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1014 ފަރާތެއް ރަޖިސްޓްރީ ވެފައިވާ އިރު އޭގެތެރެއިން 540 ފަރާތަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 474 އެވެ.
އޭގެ އިތުރުން އޯޓިޒަމް ހުންނަ 587 ކުދިން ހިމެނޭ އިރު، އެއީ 463 ފިރިހެން އަދި އަންހެން 124 ކުދިންނެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރި 56 ކުއްޖަކު ރަޖިސްޓްރީވެފައިވާ އިރު، އެއީ 37 ފިރިހެން ކުދިންނާއި 19 އަންހެންކުދިންނެވެ.
ފާތިމަތު ލިއުޝާ
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން