ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ މިމަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން ތާވަލާ އެއްގޮތަށް ސުކޫކު އަނބުރާ ފައިސާ ދެއްކުމަށް، އެންމެފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އަންނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ އިރު، ދައްކައި ނިންމާނެ ކަމަށެވެ.

މިހާތަނަށްވެސް ފިނޭންސް މިންސްޓްރީން ވަނީ، 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ފައިސާ ގަވާއިދުން ދައްކައިފައެވެ.

މިނިސްޓްރީން ބުނީ ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިމަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ ސެޓްލްމަންޓަށް ތައްޔާރުވަމުންދާ އިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.

ކުރީ ސަރުކާރުން ނެގި ލޯނުތަކަށް ދެއްކުމަށް މި ސަރުކާރަށް ބުރައަކަށްވެފައިވާ އިރު، ސަރުކާރުން ގެންދަނީ އެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތަކެއް ހޯދުމަށް ބޭރުގެ އަވަށްޓެރި ގައުމުތަކާ މަޝްވަރާކުރަމުންނެވެ. އެގޮތުން އިންޑިއާ އާއި ޗައިނާއިން ވަނީ އެ ގައުމުތަކަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދައިދީފައެވެ. ނަމަވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހޭ ބޭރުގެ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރައެވެ.