ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓުގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން މާދަމާ ބާއްވަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތަކުގެ ވަކިވަކި ޔުނިޓުތައް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެމްބަރު 2023 ގައި ބޭއްވި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ މީހުންގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިިނިސްޓްރީން ބުނީ އެ ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ގުރުއަތުލުން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 3:00 އިން ފެށިގެން ހައުސިން މިނިސްޓްރީގެ އިދާރާގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ގުރުއަތު ނެގުމުން އެ ފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލުން އަޕްޑޭޓްކުރެވޭނެ ކަމަށާއި ގުރުއަތު ނެގުން ކުރިއަށްދާ މަންޒަރު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރެވޭނެ ކަމަށެވެ.

ގެދޮރުވެރިޔާގެ ފްލެޓްތައް ހަދަން ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެވެ. އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ ނިޔަލަށް ދޫކޮށް ނިންމުމަށް އެފްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެފްޑީސީން މިހާތަނަށް ވަނީ 3000 އަށްވުރެ ގިނަ މީހުންނާއެކު ފުލެޓް އެއްބަސްވުން ހަދައިފައެވެ.