އދ. އޮމަދޫގައި މިވަގުތު މަޑުޖެހިފައިވާ ފެނުގެ ނިޒާމު ގާއިމުކުރުމާއި ބަނދަރުގެ މަޝްރޫއު ރައްޔިތުން އެދޭގޮތަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، އދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އޮމަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަަން މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ، މިވަގުތު އޮމަދުއަށް އެންމެ ބޭނުން ޖެހިފައިވަނީ މަޑުޖެހިފައި އޮތް ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އަވަހަށް ނިންމުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ އިރު، ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއްވެސް ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުގެ އިތުރުން ބަނދަރުގެ މަޝްރޫއުވެސް އަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ފެނުގެ ނިޒާމުގައި ބާކީ ކުރަންހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރަށް ބާރު އަޅާނަން. މި މަޝްރޫއު ވީހާވެސް ގާތުން ސަރުކާރުން ބަލާނެ. ހަމައެހެންމެ ބަނދަރުގެ މަސައްކަތްވެސް އަވަސްކުރުމަށްޓަކައި މަސައްކަތްކޮށްދޭނަން. ބަނދަރު ނިމިގެންދާއިރު ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ އެމަނިކުފާނުގެ އެންމެ މުހިންމު ޒިންމާއެއްގެގޮތުގައި ދެކެނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ވީހާވެސް އަވަހަކަށް ފުއްދަވައިދެއްވުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އޮމަދޫގެ ބަނދަރު މަޝްރޫއާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މަޝްރޫއެއް އެކުއެކީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެ ކަމަށެވެ.