އަހަރުތަކަކަށްފަހު އެފްރިކާގެ ފުޓުބޯޅައަށް މިދިޔަ އަހަރަކީ ބޮޑު ފައިދާއެއްވި އަހަރެއް ކަމަށް ދަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން އިއުލާނު ކޮށްފިއެވެ.

ކާފްއިން އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އިއުލާނުކުރި ފައިނޭންޝަލް ތަފާސްހިސާބުތަކުގައި ބުނެފައި ވަނީ 2023-2024 ގެ ފައިނޭންޝަލް އަހަރުގައި އެ އިދާރާއަށް 9.48 މިލިއަން ޑޮލަރު ފައިދާ ވެފައިވާ ކަމަށެވެ. އެއީ އެފްރިކާގެ ފުޓުބޯޅައަށް ބޮޑު ކާމިޔާބީއެކެވެ.

ކާފްއަށް މިފަހަރު ފައިދާވެފައި ވަނީ އެތައް އަހަރެއް ފަހުންނެވެ. އެންމެފަހުން އާއްމުކުރި 2022-23 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އިދާރާ އޮތީ 9.2 މިލިއަން ޑޮލަރުގެ ދަރަނީގައެވެ. އަދި އޭގެ ކުރިން އަހަރު ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ދަރަނި އޮތެވެ.

އެ ދަރަނިތަކުން ކާފްއިން އަރައިގަނެފައި ވަނީ ހަރަދު ކުޑަކުރުމަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅައި، އިޝްތިހާރުގެ ނަފާ ބޮޑުކޮށް، ސްޕޮންސަރުން އަތުން ނަގާ ފައިސާވެސް އިތުރުކޮށްގެންނެވެ. އެކަމުގައި އެފްރިކާ ފުޓުބޯޅަ ދުނިޔޭގެ ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރި މަސައްކަތް ހިމެނެއެވެ.

ކާފްއަށް ފައިދާވުމާއެކު އިދާރާގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ، މުބާރާތްތަކުން ގައުމުތަކަށް ދޭ އިނާމް ފައިސާ 81 މިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. އަދި މުބާރާތްތައް ފެންވަރު ރަނގަޅުކުރުމަށް އެކަމަށް ކުރާ ހޭދަވެސް، 19 މިލިއަން ޑޮލަރަށް ބޮޑުކޮށް، އިދާރާ ހިންގުމަށް 21 މިލިއަން ޑޮލަރު ހޭދަކުރަން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ރައީސް މޮޓްސެޕޭ ވިދާޅުވީ، އެފްރިކާ ފުޓުބޯޅަ އިތުރަށް މާކެޓްކޮށް، ޓީވީ ރައިޓްސްއިން ފައިދާ އިތުރުކުމަށް އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެއީ ގިނަ ދުވަސްތަކަކަށް ހެދިގެންދާނެ އެއްބަސްވުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.